ހޯރަފުށީގައި ޤަވާއިދާ ޚިލާފަށް ބިން ދޫކުރި މައްސަލާގައި ކައުންސިލް މެންބަރުންނަށް ދަޢުވާކުރަން ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ހޯރަފުށީގައި ޤަވާއިދާ ޚިލާފަށް ބިން ދޫކުރި މައްސަލާގައި ކައުންސިލް މެންބަރުންނަށް ދަޢުވާކުރަން ފޮނުވައިފި

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ޤަވާއިދާ ޚިލާފަށް ބިމެއް ދޫކޮށްފައިވާ މައްސަލައެއްގައި، އެ ރަށު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ހުރިހާ މެންބަރުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައަކީ ފެބްރުއަރީ 2023 ގައި ބޭއްވި ކައުންސިލްގެ އާންމު ޖަލްސާއެއްގައި، ތެލުގެ ވިޔަފާރި ކުރުމަށް 5,000 އަކަފޫޓުގެ ބިމެއް 20 އަހަރު ދުވަހުގެ މުއްދަތަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް ނިންމި ނިންމުމާ ގުޅުންހުރި މައްސަލައެކެވެ. އޭސީސީން ތުހުމަތުކުރާ ގޮތުގައި މި ބިން ދޫކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދިފައިވާ ފަރާތްތަކުގެ ތެރޭގައި ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދާއި، ނައިބު ރައީސް އަޙްމަދު އިމްދާޙުގެ އިތުރުން ކައުންސިލް މެންބަރުން ކަމަށްވާ ޝާކިރު، އަޙްމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާޞިޙާ ހިމެނެއެވެ. މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ.

ކައުންސިލަރުންގެ މައްޗަށް އުފުލުމަށް އޭސީސީން ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ އާއި، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ އެވެ.

އޭސީސީން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ މި މައްސަލަ ބަލައިގަނެފައެވެ. މި މައްސަލައަކީ ކައުންސިލްތަކުން ބިން ދޫކުރުމުގައި އަމަލުކުރަންޖެހޭ ގާނޫނީ އިޖުރާއަތްތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅުނު ސީރިއަސް މައްސަލައެކެވެ.

މިއަދު އޮންލައިން