ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ވޭތުވެދިޔަ އަހަރުތަކުގައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވި އެމަރޖެންސީ ހާލަތްތަކުގައި އިސްސަފުގައި ވަނީ ހަރަކާތްތެރިވެފައެވެ. އަލިފާނުގެ ހާދިސާތަކާއި، ފެންބޮޑުވުމުގެ ހާދިސާތަކާއި، އެނޫންވެސް ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައާއި، ގެދޮރާ ބޯހިޔާވަހިކަން ގެއްލުނު އާއިލާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، ޤައުމުގެ ފުރަތަމަ އިޖާބަދޭ މުއައްސަސާތަކާއެކު އަޅުގަނޑުމެންގެ ރެސްޕޮންސް ކޯޑިނޭޝަން ޓީމުން ހަރަކާތްތެރިވެއެވެ. މީގެން ކޮންމެ ހާދިސާއެއްގައިވެސް މިޓީމުން ދައްކުވައިދީފައި ވަނީ ނުހަނު އޯގާތެރިކަމާއި، ފަންނީ ހުނަރާއި، މުޖުތަމައަށް ޚިދުމަތްކުރުމުގެ ވަރުގަދަ އަޒުމެކެވެ.
ކޮންމެ އެމަރޖެންސީ އަދި ކާރިސާއެއްގެ ހާލަތެއްގައިވެސް، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި، ކެތްތެރިކަމުގެ ނަމޫނާއެވެ. އަޅުގަނޑުމެންގެ މިންނެތް މަސައްކަތާއި، އެހީތެރިކަން ފޯރުކޮށްދޭ އެހެން އިދާރާތަކާއި، ރަށު ކައުންސިލްތަކާއި، އާންމު ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން، އެން.ޑީ.އެމް.އޭގެ އެމަރޖެންސީ އިޖާބަދިނިމުގެ ނިޒާމު އިތުރަށް ވަރުގަދަވެ، ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ވަގުތުން ލިބޭނެކަން ވަނީ ކަށަވަރު ކުރެވިފައެވެ.
އަޅުގަނޑުމެންގެ އަޅުގަނޑުމެންގެ ރެސްޕޮންސް ކޯޑިނޭޝަން ޓީމަކީ އަދަދުގެ ގޮތުން މަދު ބައެއް ނަމަވެސް، އެ ޓީމުގެ މަސައްކަތުން ކުރާ ބުރަ މަސައްކަތުގެ ނަތީޖާއަކީ އަގު ނުކުރެވޭނެހާ ބޮޑު ކަމެކެވެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ބާރަކީ މީހުންގެ ގިނަކަމެއް ނޫނެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ މެދުގައި އޮތް ބަދަހި އެއްބައިވަންތަކަމާއި، އިޚްލާޞްތެރިކަމާއި، އެއް މަގްސަދެއްގައި ކުރާ ބުރަ މަސައްކަތެވެ. މި ގޮތުގައި ދެމިތިބެ، އަޅުގަނޑުމެން ޚިދުމަތްދޭ އާންމު ރައްޔިތުންގެ ދިރިއުޅުން ކާރިސާތަކުން އިޔާދަކޮށް އާރާސްތުކުރުމާއި، ވިލުންތެރިކަން ބިނާ ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަމެވެ.
އަޅުގަނޑުމެންގެ ކުރިމަގުގެ އަމާޒަކީ މުޖުތަމައުގެ ތައްޔާރީކަން ކާރިސާތަކަށް އިތުރަށް ހަރުދަނާކުރުމާއި، ރަށްރަށުގެ ގާބިލުކަން އިތުރުކުރުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތްތައް ފުޅާކޮށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާރިސާތަކަށް ހޭލުންތެރި، ވިލުންތެރި ބަދަހި މުޖުތަމައެއް ބިނާކުރުމެވެ. މި ދެމެހެއްޓެނިވި ގުޅުމާއި ހިތްވަރާއެކު، ރާއްޖެއަކީ ރައްކާތެރި އަދި ކާރިސާތަކަށް ތައްޔާރުވެފައިވާ "ވިލުންތެރި ރާއްޖެއަކަށް" ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި އަޅުގަނޑުމެން ދެމިތިބޭނަމެވެ.
މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ބުނަންބޭނުންވަނީ ކާރިސާތަކަށް އިޖާބަދިނުމުގައި އިސްސަފުގައި ހަރަކާތްތެރިވާ އަޅުގަނޑުމެންގެ ޓީމުގެ ކޮންމެ މެންބަރަކު ކުރައްވާ ބުރަ މަސައްކަތެވެ. ހިތްވަރުގަދަކަމާއި، ކެތްތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އަސާސްތަކުގެ ރަމްޒެކެވެ. އިސްސަފުގައި ހަރަކާތްތެރިވުމުގައި ވިޔަސް، ނުވަތަ ފަހަތުގައި ތިބެގެން މަސައްކަތްތައް ރޭވުމުގައި ވިޔަސް، އަޅުގަނޑުމެންގެ ޚިދުމަތަކީ މީހުންގެ ފުރާނައާއި، މުދަލާއި، ގޯތި ގެދޮރު ރައްކާތެރިކޮށްދީ، އުންމީދު އާކޮށްދީ، އަދި އަޅުގަނޑުމެންގެ މުޖުތަމައުތައް ބާރުވެރިކުރުވައިދޭ މުހިންމު މަސައްކަތެކެވެ.
ހަބަރު: ސަރުކާރު