ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ ކެންސަރު ބަލީގައި މިއަދު ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޑރ. ފަޒުނާ އަކީ މެޑިކަލް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި، މެލޭޝިއާ އަދި އެމެރިކާގެ ޔުނިވަރސިޓީތަކުން ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަނެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ.
ޚާއްސަކޮށް އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ކަންކަން ހުންނަ ކުދިން ދެނެގަތުމަށް ހަދާ އެސެސްމެންޓްތައް ހެއްދެވުމުގައި ޑރ. ފަޒުނާ ވަނީ ރާއްޖޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އޭނާގެ ވަކިވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު އުނިކަމެކެވެ.
ޑރ. ފަޒުނާގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.