ބައެއް އަންހެނުންވެސް އަދި ފިރިހެނުންވެސް ހިލޭ މީހުންނާއި ގުޅުން އުފައްދާފައި ތިމާ އެކަން ކުރީ ބައިވެރިޔާދެކެ ލޯނުވާތީ ނޫންކަމަށް ބުނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އެއީ ހަދާ ވަރަށް ބޮޑު ދޮގެކެވެ. އެންމެ ބޮޑު އެއް ދޮގެވެ. އެކަމުގެ ހެކިވެސް މިދައްކަނީއެވެ.
ތިބާއަކީ ތިބާގެ ބައިވެރިޔާދެކެ ޙަޤީޤީ ލޯބިވާ މީހަކު ނަމަ ބައިވެރިޔާ އެހެން މީހަކަށް ނުކިއްސަރު ގޮތަކަށް ބަލައިލަންވެސް ނުރުހޭނެއެވެ. ބަލައިލިކަން އެނގުނަސް އެކަމަކީ ވަރަށް ބޮޑު ކަމަކަށްވެސްހަދާނެއެވެ. އަދި ކީއްހެއްޔެވެ؟ ބައިވެރިޔާއަށް އެހެން މީހަކު ބަލައިލަންވެސް ނުރުހޭނެއެވެ. ބަލައިލިކަން އެނގުނަސް އެމީހަކުދެކެ އިންތިހާއަށް ރުޅިވެސް އަންނާނެއެވެ.
އެހެންކަމަށްވާއިރު ތިބާގެ ބައިވެރިޔާ ދެކެ ތިބާ ޙަޤީޤީ ލޯބިވަމުން އެހެން މީހަކާއި ތިބާ ގުޅުން އުފައްދާނީ ކިހިނަކުންހެއްޔެވެ؟ އެއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟
ދެން ބުނާނީ ޒަމާން ބަދަލުވެއްޖެކަމަށާއި އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތްކޮށް ކަންކަން ކުރަމުން ގެންދާއިރު އެބާވަތުގެ ކަންކަން ހިނގައިފާނެކަމަށެވެ. ޖަވާބަކީ ހިނގަނީއެއް ނޫނެވެ. ހިންގަނީއެވެ. އެއްތަނެއްގައި މަސައްކަތްކުރަންޖެހުމަކީ ތިމާގެ ހިތުގެ ޙައިޞިއްޔަތު ބަދަލުވާންޖެހޭ ކަމެއް ނޫނެވެ. ހިތުގެ މިލްކްވެރިކަން އެންމެންނަށް ބަހަންޖެހެންވީ ސަބަބެއް ނޫނެވެ.
ޒަމާން ބަދަލުވިނަމަވެސް ދިރިއުޅެން އޮތް ގޮތް ބަދަލެއް ނުވެއެވެ. ހުއްދަ ކަންކަމާއި މަނާ ކަންކަން ބަދަލެއް ނުވެއެވެ. ޙަރާމް ޙަލާލް ބަދަލެއް ނުވެއެވެ. ހިތުގެ ދައުރު ބަދަލެއް ނުވެއެވެ. ހިތުގެ ވިންދު ކިޑްނީން ޖަހާގޮތަކަށްވެސް ބަދަލެއް ނުވެއެވެ. ރަނގަޅު ގޮތް ނުބައި ގޮތަކަށްވެސް ބަދަލެއް ނުވެއެވެ. ރަނގަޅު ގޮތަކަށްވާނީ ހަމަ ރަނގަޅު ގޮތެވެ. ނުބައި ގޮތްވާނީ ހަމަ ނުބައި ގޮތަށެވެ. ނުބައި ކަންކަން އޮންނާނީ ހަމަ ނުބައި ކަންކަމުގެ ގޮތުގައެވެ.
- އަލަފް / މިއަދުނޫސް