ފަށްކުރުމެއް!: މުސްލިމުން ޝިޢުބު އަބީ ޠާލިބުގައި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 16ސ
ފަށްކުރުމެއް!: މުސްލިމުން ޝިޢުބު އަބީ ޠާލިބުގައި-

މުސްލިމުން ޝިޢުބު އަބީ ޠާލިބުގައި: 

ޙަބުޝްކަރައިގެ ޢަދުލުވެރި ރަސްގެފާނު ނަޖާޝީ މުސްލިމުންނާމެދު ކަންތައްކުރެވި ގޮތުގެ ހަޔޮފުޅުކަމުން މައްކާގެ މުޝްރިކުން އެކަމާ ކަންބޮޑުވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށާއި އީމާންވީ މީހުންނަށް އެބައިމީހުންގެ ހިތްތަކުގައި އުފެދިފައިވަ ރުޅިވެރިކަން އިތުރަށް ގަދަވެގެން ދިޔައެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤަތުލުކުރުމަށް ޤުރައިޝުން އެއްބަސްވިއެވެ. މިކަމާހެދި ޢަބްދުލް މުއްޠަލިބުގެ ދަރިން އެކަލޭގެފާނުގެ ޙިމާޔަތުގައި އެކަލޭގެފާނު ޝިޢުބަށް ލުމަށް ނިންމިއެވެ.  

ޝިޢުބަކީ މައްކާގައިވާ، އަބޫ ޠާލިބަށް ނިސްބަތްވާ ސަރަހައްދެކެވެ. ވުމާއެކު ބަނޫ ހާޝިމް ދަރިކޮޅުގެ މުސްލިމުންނާއި ކާފަރުންވެސް ޝިޢުބަށް ވަނެވެ.  މިގޮތަށް ކަންތައް ހިނގާދިޔުމުން މައްކާގެ މުޝްރިކުން ފަތެއް ލިޔުނެވެ. މިފަތުގައި ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެބައިމީހުންނާއި ހަވާލުނުކުރަނީސް ބާނޫ ޙާޝިމް ދަރިކޮޅުން އެއްވެސް މީހަކާއި ކައިވެނި ނުކުރުމަށާއި އެބައިމީހުންނާ އެކީ އެއްވެސް ކަމެއްގައި ބައިޢަތު ނުހިފުމަށާއި އެބައިމީހުންނާއި އެކުވެ ނޫޅުމަށެވެ.

މި ފަތް ލިޔުނު މީހަކީ ބަޢީޟު ބިން ޢާމިރު ބިން ހާޝިމް ބިން ޢަބްދު މަނާފް ބިން ޢަބްދުއްދާރު ބިން ޤުޞައްޔު އެވެ. މިފަތް ލިޔުނުފަހުން އޭނާގެ އަތް ވާވެގެންދިޔައެވެ. އަދި ޤުރައިޝުން މިފަތް ކަޢުބާގައި އެލުވިއެވެ. ބަނޫ ހާޝިމް ދަރކޮޅުގެ މީހުން ޝިޢުބަށްވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީކަމާއިގެން ވަޑައިގެންނެވިތާ ހަތްވަނަ އަހަރުގެ މުޙައްރަމް މަހުގެ ކުރީކޮޅުގައެވެ. ބަނޫ މުއްޠަލިބު ބިން ޢަބްދުމަނާފުގެ ދަރިކޮޅުގެ މީހުންވެސް ބަނޫ ހާޝިމްދަރިކޮޅާއި އެއްބައިވެ ޝިޢުބުގައި ތިއްބެވެ. އެހެން ނަމަވެސް އަބޫ ލަހަބު ބަނޫ ހާޝިމްއާއި ބަނޫ މުއްޠަލިބު ދަރިކޮޅުގެ މީހުން ދޫކޮށް ޤުރައިޝުންގެ ތެރެޔަށް ގޮސް އެމީހުންނައި ގުޅުނެވެ. 

ޤުރައިޝުން ޝިޢުބުގައި  ތާށިވެފައިތިބި މީސްތަކުންނަށް ކާއެއްޗެއްސާއި ތަކެތި ފޯރުކޮށްދެވޭ ހުރިހާ މަގުތަކެއް ބަންދުކޮށްލިއެވެ. މިގޮތަށް ދުވަސްތައް ވޭތުވަމުންދަނިކޮށް ޝިޢުބުގައި ތިބި މީސްތަކުންނަށް ކެތްނުވާ ވަރަށް ބަނޑުހައި ހޫނުކަމާއި އުނދަގޫތައް ކުރިމަތިވެގެން ދިޔައެވެ. އެބައި މީހުންގެ ތެރެއިން ކުޑަކުދިންތައް ރޯއަޑު ގަދަވާން ފަށައިފިއެވެ. ނަމަވެސް ޤުރައިޝުން ގެ ތެރެއިން ބައެއް މީހުންނަށް އެމީހުން އުޅޭ ދަތި ޙާލު ފެނުމުން އެކަމާ އުފާކުރަމުން ދިޔައެވެ. އަދި އަނެއްބަޔަކަށް އެ މަންޒަރު ފެނުމުން އުނދަގޫތައް ވިއެވެ. އަދި އެބައިމީހުން ބަނޫ ހާޝިމާއި ގުޅުން ކަނޑާލުމަށް ފަތް ލިޔުނު ބަޢީޟް ބިން ޢާމިރަށް ކަންތައްވީ ގޮތާމެދު ކަންބޮޑުވެ ބިރުގަތެވެ. 

ބަނޫ ހާޝިމް ދަރިކޮޅުގެ މީހުންނާއެކު މުސްލިމުން ތިން އަހަރު ވަންދެން ޝިޢުބުގައި ތިއްބެވެ. އެއަށްފަހު މާތް ﷲ އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޤުރައިޝުން ލިޔެ ގެފުޅުގައި އެލުވި ފަތުގެ ވާހަކަ އެންގެވިއެވެ. އެފަތުގައިވާ އަނިޔާވެރި ވުމާ ދެކޮޅުވެރިކަމާއި ޝިރުކުގެ ވާހަކަތަށް ފަނި ކައިފި ކަމާއި، އޭގައި ބާކީ ހުރީ ﷲ ތަޢާލާގެ ޒިކުރުތައްކަން އެކަލޭގެފާނަށް މާތް ﷲ އެންގެވިއެވެ. ދެން މިކަމާ ބެހޭގޮތުން އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބު ޤުރައިޝުންނަށް ޚަބަރުދެއްވިއެވެ. 

އެބައިމީހުން ގޮސް ބެލިބެލުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޚަބަރުދެއްވި ގޮތަށް ކަންތައްހިނގާފައިވާތީ އެބައިމީހުންނަށް ފެނުނެވެ. ދެން ޤުރައިޝުންގެ އެއްބަޔަކު އަނެއްބަޔަކު ބަނޫ ހާޝިމް ދަރިކޮޅު ޝިޢުބަށްލުމުގެ ކުށް އެއްބަޔަކު އަނެއްބަޔަކުގެ ބޮލުގައި އަޅުވަންފެށިއެވެ. ޤުރައިޝުންގެ މީހުން ހަތިޔާރު އަޅައިގެންގޮސް ޝިއުބުގައި ތިބި މީސްތަކުން ނިކުމެގެން އެބައިމީހުންގެ ގެތަކަށް ދިޔުމަށް އަމުރުކުރިއެވެ. އެއަށްފަހު މީސްތަކުން އެތަނުން ނިކުތެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަބީކަމާއިގެން ފޮނުއްވުނުތާ ދިހަވަނަ އަހަރުގައެވެ. 

އަބޫ ޠަލިބާއި ޚަދީޖާ ރަޟިޔަﷲ ޢަންހާ އަވަހާރަވުން: 

އަބޫ ޠާލިބު ނިޔާވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަބީކަމާއިގެން ފޮނުއްވުނުތާ ދިހަވަނަ އަހަރުގެ ފަހުކޮޅުގައެވެ. ޝިޢުބުން މީސްތަކުން ނިކުތުމަށްފަހުގައެވެ. އަބޫ ޠާލިބު ނިޔާވީ އުމުރުން 87 އަހަރުގައެވެ. އަބޫ ޠާލިބު ދުނިޔޭގައި ހުންނެވިއިރު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދިފާޢުކުރައްވާ ޙިމާޔަތް ކުރައްވައެވެ. އަދި އެކަލޭގެފާނަށް އުނދަގޫކުރާމީހުންނަށް ރުޅިއިސްކުރެއްވިއެވެ. އެހެން ނަމަވެސް ދުނިޔެ ދޫކުރެއްވީ މައްކާގެ މުޝްރިކުގެ ދީންމަތީ ވާ ޙާލުގައެވެ.  

އެއަށްފަހު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ލޮބުވެތި އަނބިކަނބަލުން އުއްމުލް މުއުމިނީން ޙަދީޖާ ރަޟިޔަﷲޢަންހާ އަވަހާރަވިއެވެ. އެކަމަނާ އަވަހާރަވީ މަދީނާއަށް ހިޖުރަކުރެއްވުމުގެ ތިން އަހަރު ކުރިންނެވެ. އެއީ އަބޫ ޠާލިބުވެސް ނިޔާވި އަހަރެވެ. މި ދެބޭފުޅުން އަވަހާރަވުމުން މާތް ނަބިއްޔާ އަށް ވަރަށް ބޮޑު ހިތާމައެއް ލިބިވަޑައިގަތެވެ. އެ ދެބޭފުޅުން ނެތުމުން ޤުރައިޝުން ކުރިން ކުރަމުންދިޔަ އުނދަގޫތަކާއި ދުއްތުރާތަކަށް ވުރެ ބޮޑެތި އުނދަގޫތަކާއި ދުއްތުރާތައް މާތް ނަބިއްޔާ އާއި ކުރިމަތި ކުރުވިއެވެ.

ޠާއިފުގެ އަހުލުވެރިންނަށް ދީނަށް ގޮވައިލެއްވުމަށްޓަކައި ވަޑައިގެންނެވުން: 

މާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ނަބީކަމާއިގެން ފޮނުއްވުނުތާ ދިހަވަނައަހަރުގެ ޝައްވާލުމަހު ޠާއިފުގެ އަހުލުވެރިންނަށް ދީނަށް ގޮވާލެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އަބޫޠާލިބު ނިޔާވުމުން މައްކާގެ މުޝްރިކުން ދީނުގެ ދަޢުވަތަށް އަޅާހުރަސްތައް އިތުރުވުމުގެ ސަބަބުން ދީނުގެ ދަޢުވަތުދެއްވާނެ އާ މަރުކަޒެއް ހޯއްދެވުމުގެ ނިޔަތުގައި ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ މި ދަތުރުފުޅުކުރެއްވިއެވެ.  

އެކަލޭގެފާނުގެ އަރިހުގައި ވަޑައިގެންނެވީ ޒައިދު ބިން ޙާރިޘާ ރަޟިޔަﷲޢަންހުއެވެ. ޠާއިފުގައި މަޑުކުރައްވައި އެތާނގެ އެންމެހާ އަޝްރާފުންނާއި ބައްދަލުކުރައްވައި އެބައިމީހުންނަށް އިސްލާމްދީނަށް ދަޢުވަތުދެއްވިއެވެ. އެހެންނަމަވެސް އެބައި މީހުން އެކަލޭގެފާނުގެ މި ދަޢުވަތަކަށް އިޖާބަ ނުދިނެވެ. އަދި އެބައިމީހުންގެ ރަށުން ފޭބުމަށް އެކަލޭގެފާނަށް އެންގިއެވެ. އެބައިމީހުންގެ މޮޔައިން ލައްވައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ދިލާމަށް ގާ އުއްކުވިއެވެ. އެންމެފަހުން މި ހަމަލާތަކުގައި ލޮބުވެތި މާތް ނަބިއްޔަ ޞައްލަﷲޢަލައިހިވަސައްލަމަގެ ދެ ފައިންޕުޅު ޒަހަމްވެވަޑައިގެން ލޭފޮދު އޮހޮރިގެން ދިޔައެވެ.  

އެވަގުތު ޒައިދު ބިން ޙާރިޘާ ރަޟިޔަﷲޢަންހު ދިޔައީ އެކަލޭގެފާނުގެ ހަށިކޮޅުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަގެ ހަށިކޮޅު ދިފާޢުކުރައްވާ ޙިމާޔަތްކުރައްވަމުންނެވެ. އެންމެ ފަހުން ޒައިދު ރަޟިޔަﷲޢަންހުގެ ނިއްކުރިފުޅު ޒަޙަމްވިއެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމައަށް އުޙުދު ހަނގުރާމަ ހިނގިދުވަހަށް ވުރެ އުނދަގޫފުޅުވި ދުވަހެއް ކުރިމަތިވިތޯ ޢާއިޝާ ރަޟިޔަﷲޢަންހާ އެކަލޭގެފާނާއި ސުވާލުކުރެއްވުމުން އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ އެންމެ އުނދަގޫފުޅު ވެވަޑައިގެންނެވި ދުވަހަކީ ޠާއިފުގައި ދިމާވި އުންދަގޫތައް ލިބިވަޑައިގެންނެވި ދުވަސްކަމުގައެވެ. މި ޙަދީޘް ބުޚާރީ އާއި މުސްލިމްގައި ރިވާވެގެންވެއެވެ.

 

- އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު

 

މިއަދު އޮންލައިން