ދެމަފިރިން އެކަކު އަނެކަކަށް ރީތި ނަންތަކުން ލޯބިން މުޚާޠަބްކުރުމަކީ ދެމަފިރިންގެ މެދުގަ ލޯބިއިތުރުވުމުގެ އިތުރަށް ދަރިންނަށްވެސް ހިތްހަމަޖެހުން ލިބޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ދެމަފިރިން އެކަކު އަނެކަކަށް ރީތި ނަންތަކުން ލޯބިން މުޚާޠަބްކުރުމަކީ ދެމަފިރިންގެ މެދުގަ ލޯބިއިތުރުވުމުގެ އިތުރަށް ދަރިންނަށްވެސް ހިތްހަމަޖެހުން ލިބޭ ކަމެއް!

އެއްކަމެއް ފާހަގަކޮށްލާނަމެވެ! އެއީ ދެމަފިރިން އެކަކު އަނެކަކަށް ރީތި ނަންތަކުން ގޮވުމަކުން އަދި ނުފުދެއެވެ. ޙަޤީޤީ ފައިދާކުރާނީ ވަރަށް ލޯބިން ގޮވައިލާނަމައެވެ. އެއަޑު ދަރިންނަށް އިވުމުން މަންމައާއި ބައްޕަގެ މެދުގައި ލޯބި އޮންނަވަރު ދަރިންނަށް އެނގިގެންދެއެވެ. އެކަމުން ދަރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ. އެކަންކުރަން ދަރިންނަށްދަސްވުމުން ޒަވާޖީޙަޔާތުގައި އެކަމުގެ ފައިދާ ދަރިންނަށް ކުރާނެއެވެ.   

އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް ރީތި ވަނަމުން ގޮވާލައްވަވާ ކަމުގައި ވިއެވެ:  

އެކަން ބަޔާންކުރައްވައި ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ: 

'قال رسول الله صلى الله عليه وسلم يوما: “يا عائش، هذا جبيرل يقرئكِ السلام'. البخاري 3218. 

"އެއްދުވަހަކު ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ: "އޭ ޢާއިޝް އެވެ. މިއީ ޖިބްރީލް އެވެ. ކަމަނާއަށް ސަލާމް ވިދާޅުވަނީއެވެ'". 

އަދި އެއް ފަހަރަކު "އުއްމު ޢަބްދިﷲ" ގެ ނަމުން “ކުންޔާ” ދެއްވައި އެއިން އެކަމަނާއަށް މުޚާޠަބު ކުއްރެވިކަމަށް ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ. 

އެފަހަރު ޢަބްދުﷲ ބުނު ޒުބައިރު رضي الله عنه ރައްކާވެވަޑައިގަތުމުން ޢާއިޝާ رضي الله عنها އެކަލޭގެފާނު އުރުވަޑުވައިގެން ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެންނެވިއެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم އެކަމަނާއަށް ޙަދީޘްފުޅު ކުރެއްވިއެވެ:

"هو عبد الله ، وأنتِ أم عبدِ الله". ابن ماجه 7117.

"އެއީ ޢަބްދުﷲ އެވެ. އަދި ކަމަނާ އަކީ އުއްމު ޢަބްދިﷲ އެވެ". 

ފަހެ މިފައިން ރީތި ޗާލު ނަންނަމުން ދެމަފިރިން އެކަކު އަނެކަކަށް ގޮވުމަކީ ދަރިންގެ ކުރިމަތީގައިވެސް ކުރަން ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެހެނީ އޭގެ ސަބަބުން އެކުދިންގެ މަންމަ އާއި ބައްޕަގެ މެދުގައި އޮންނަ ގާތްކަން ލޮލަށް ފެނި ކަންފަތަށް އިވުމުން އެކުދިންގެ ހިތްތަކަށް އުފާވެރިކަން އިޙުސާސްވެ އެއާއިލާ އެޅިފައިވާ ބިންގާގެ ހަރުދަނާކަމާއި އޭގެ ދުޅަހެޔޮކަން ޔަޤީން ކުރެވޭނެއެވެ. ނަތީޖާއަކަށް ވެގެން ދާނީ އެކުދިނަން ނަފްސާނީ ގޮތުންނާއި އެނޫން ގޮތްގޮތުން އާރޯކަން ލިބި އެކުދިންގެ ޙަޔާތަށް ޗާލުކަން އަންނާނީއެވެ. 

ނަމަވެސް ބައެއް ފަހަރު ފެންނަ މަންޒަރަނީ، ފިރިމީހާ ނުވަތަ އަނބިމީހާ އެކަކު އަނެކަކަށް ރީތި ވަނަމުން ގޮވުމަކީ އަނެކާ އެހާ ގަޔާވާ ކަމެއް ނޫން ކަމުގައިވާ މަންޒަރެވެ. އެފަދަ ނަންނަމުން ގޮވުމުން އަނެކާ ލަދުގަނެ ރަކިވަނީއެވެ. އަދި އެކަމާ ހިތްހަމަ ނުޖެހި މޫނު މަތިން ނުވަތަ ބަހުން ވެސް ނުރުހުން ފާޅުކުރަނީއެވެ. އެހެން ހެދުމުން އަނެކާވެސް ހިތުގައި ޖެހެއެވެ. އަދި އެކަހެރިކޮށް ހުންނަ ވަގުތުތަކުގައި ވެސް ދެން އެފަދައިން ގޮވާލުމަށް ފަސްޖެހޭ ގޮތް ވަނީއެވެ. މިފަދަ ކަންކަމަށް އޮތް ހައްލަކީ ދެމީހުންގެ މިޒާޖު އެކަކު އަނެކަކު ކައިވެނިކުރުމަށް ފަހު ދަސްކޮށް އެކަމަށް ވިސްނައިގެން ކުރިއަށް ދިއުމެވެ. ނުވަތަ ކެތްތެރިކަމާއި ތަޙައްމަލު ކުރުމުގެ ސިފަ އަމިއްލަ ނަފުސުގައި އަށަގަންނުވައި ހަރުލައްވައި، އެފަދަ ކަންކަމަކީ މާ ބޮޑު ކަމަކަށް ނުހެދުމެވެ. އެއީ ނަބަވީ ސުންނަތުގައިވެސް ވާރިދުވެގެން އައިސްފައިވާ ކަންކަން ކަމުގައި ދެނެގަނެ ހޭލުންތެރިވުމަކީ މިކަމަށް އޮތް އެންމެ ހެޔޮ ފަރުވާއެވެ.

 

- ޝައިޚް ޒަމްޒަމް ފާރިޝް

މިއަދު އޮންލައިން