ގާސިމް އިބްރާހިމް އަންނަ ބުދަދުވަހު ރާއްޖެވަޑައި ގަންނަވަން ނިންމަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ގާސިމް އިބްރާހިމް އަންނަ ބުދަދުވަހު ރާއްޖެވަޑައި ގަންނަވަން ނިންމަވައިފި
ފެހި ޤާނޫނު އަސާސީގެދަށުން ރާއްޖޭގައި މިހައިތަނަށް ބޭއްވި 3 ރިޔާސީ އިންތިޚާބުގެ "ކިންގމޭކަރ" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން ހާމަކުރައްވައިފިއެވެ.

ޖަރުމަނުވިލާތުގައި ހުންނަވައިގެން ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމަށް މިރޭ ފޯނުން ފޯނުން މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ﷲ އިރާދަފުޅާއެކު އަންނަ ބުދަދުވަހުގެ މެންދުރުފަހު 3 ޖަހާއިރު ހުންނަވާނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ކަމަށެވެ.

ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން ގާސިމް އިބްރާހިމް ހާމކުރައްވާފައި މިވަނީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރުމަށް ހައިކޯޓުން މިރޭ އަމުރުކޮށްފައިވަނިކޮށެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި، އެމަނިކުފާނުގެ ސިޔާސީ މުޝީރު އަދި ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހްމަދާއި، ޖޭޕީގެ މެމްބަރ ޑރ. ޝާހު މާހިރުވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ޤާސިމް އިބްރާހީމްގެ އަރިއަހުގައި މިވަގުތު ތިއްބެވި އެމަނިކުފާނުގެ ދެދަރިކަލުން ކަމަށްވާ މުހައްމަދު އާއި އިސްމާއީލް ވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ގާސިމް އިބްރާހިމްވަނީ، 23 ސެޕްޓެމްބަރުގައި ނެގި ރިޔާސީ އިންތިޚާބުގެ ވޯޓުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކި ސާބިތުކަމަށްޓަކައި ވަރަށް އިޚްލާސްތެރިކަމާއެކު ފަށްފަށުން ޝުކުރު ދަންނަވާފައެވެ. ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި އިލެކްޝަންސް ކޮމިޝަނުންވެސް ސާބިތުކަމާއެކު ކުރެއްވި ހިންމަތާއި މިންނަތަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރި އިޚްލާސްތެރި މަސައްކަތަށްވެސް ފަށްފަށުން ޝުކުރު އަދާ ކުރައްވާފައި ވެއެވެ.

ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރުމަށް ހައިކޯޓުން ކުރި އަމުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އިސްލާހީ މަސައްކަތުގައި އުޅޭ މީހެއްގެ ހަޔާތުގައި "އަޕްސް އެންޑް ޑައުންސް" ދިމާވާނެ ކަމަށެވެ. މިނިވަންކަމަށް މަސައްކަތްކުރާ ބައަކަށް އަބަދުވެސް ކަންތައްތަކާ ދިމާވާނެ" ކަމަށެވެ.

"އެގޮތުން އަޅުގަނޑަށްވެސް ކުރިމަތިވި ކަމެއްމީ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް ލިބުނު ނަތީޖާއާ ގުޅިގެން އަނެއްކާވެސް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޑިމޮކްރަޓިކް ހަޔާތެއް ލިބެމުން އަންނަކަމުގެ ހެކިތައް ފެންނަމުންމިދަނީ. އަދުލުއިންސާފު ގާއިމްކުރެވިގެންދާ ކަމުގެ ހެކިތައް ފެނިގެންމިދިޔައީ. ވަކި ބާރުތަކެއްގެ ތެރޭގައި ހިފެހެއްޓިފައިހުރި އަދި ނުހައްގުން މީހުންނަށް ކުރެވެމުންދިޔަ ހުކުމްތަކާއި އަދި ކުރަމުންދިޔަ ތަހްގީގުތަކާއި، އެނޫންވެސް އެހެން ކަންތައްތައް ވަކި ފަރާތެއްގެ ބާރުވެރިކަމުގެ ތެރޭގައި ހިފެހެއްޓިފައިހުރިކަން، ނުފޫޒު ފޯރުވަމުން ގެންދިޔަކަން ވަރަށް ރަނގަޅަށް ސާބިތުވަމުންމިދަނީ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
މިއަދު އޮންލައިން