އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު
2025 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓް 17 އިންސައްތައަށް އިތުރުވާނެތީ މިކަމާ ގުޅިގެން ވިޔަފާރިތަކަށް މި ބަދަލަށް ދުރާލާ ތައްޔާރުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފިއެވެ.
މީރާއިން ބުނެފައިވަނީ، އައު ރޭޓަށް ބަދަލުވުމަށްޓަކައި ވިޔަފާރިތަކުން އެ ފަރާތްތަކުގެ ސިސްޓަމްތަކަށް ބަދަލު ގެނައުމަށާއި އަގުތައް ބަދަލުކުރުމަށް މިހާރުން މިހާރަށް މަސައްކަތް ފެށުމަށް އެދޭ ކަމަށެވެ. އަދި ޚާއްޞަކޮށް 24 ގަޑިއިރު ޚިދުމަތްދޭ ވިޔަފާރިތަކުން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ 00:00 ގެ ކުރިން 16 އިންސައްތަ އަދި އޭގެފަހުން 17 އިންސައްތައިގެ ރޭޓުން ޖީ.އެސް.ޓީ ނެގުމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.
މި ބަދަލަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑު އަސަރެއް ކުރާނެ ބަދަލެއްކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ. އަދި މި ބަދަލާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ މީރާއާ ގުޅުމަށް ވިޔަފާރިތަކަށް އިރުޝާދު ދީފައިވެއެވެ.
މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކުރުން ކަމަށް މީރާއިން ބުނެފައިވެއެވެ. އަދި މި ބަދަލާއެކު ވިޔަފާރިތަކުން ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް މީރާއިން ފާހަގަކޮށްފައިވެއެވެ.
Advertisement
16 ޑިސެމްބަރ 2024