އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު
ޞިއްޙީ ދާއިރާގައި މިހާރު ހުރި އިޖުތިމާޢީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މެރކް ފައުންޑޭޝަނާ ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުޙައްމަދު، ހާމަކުރައްވައިފިއެވެ. މިކަން އެކަމަނާ ހާމަކުރައްވާފައިވަނީ އެކަމަނާގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި މަހުގެ 18 އިން 19 އަށް ކުރިއަށްދިޔަ މެރކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގައި ޚާއްސަ މެހެމާނެއްގެގޮތުގައި ބައިވެރިވެވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް މެޑަމް ސާޖިދާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން މެރކް ފައުންޑޭޝަން ބޯޑް އޮފް ޓްރަސްޓީސްގެ ޗެއަރމަން ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓެންގަންބާގް-ހެވަރކޭމްޕްއަށާއި، އެ ފައުންޑޭޝަންގެ ސީއީއޯ ސެނެޓަރ ޑރ. ރަޝާ ކެލެޖްގެ ފަރާތުން އަދާކުރެއްވި މެހެންމާންދާރީއާއި ބެހެއްޓެވި ގާތްކަމަށްޓަކާ އެކަމަނާ ވަނީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ.
މެޑަމް ސާޖިދާގެ ޕޯސްޓުގައި ޚާއްޞަކޮށް ފާހަގަކުރައްވާފައިވަނީ، ޞިއްޙީ ދާއިރާގައި މިހާރު ހުރި އިޖުތިމާޢީ ގޮންޖެހުންތަކުން އަރައިގަތުމަށް މެރކް ފައުންޑޭޝަނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ބޭނުންފުޅުވާކަމެވެ.
މިއީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ބައެއް މުހިންމު އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށްޓަކައި ބައިނަލްއަޤުވާމީ ޖަމްޢިއްޔާއަކާއެކު މަސައްކަތްކުރުމަށް ފަސްޓް ލޭޑީގެ ފަރާތުން ހުރި ޝައުޤުވެރިކަން ދައްކުވައިދޭ ކަމެކެވެ.
މެރކް ފައުންޑޭޝަންގެ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައިވެސް މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެން، ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ސަމިޓަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ފަސްޓް ލޭޑީންނާއި، ޞިއްޙީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ، ޞިއްޙީ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ހައްލު ހޯދުމަށް މަގުފަހިކުރާ މުހިންމު ފޯރަމެކެވެ.
Advertisement
22 ޖޫން 2025