އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިކަންކަން އެނގޭނަ މީހުންގެ ވާހަކަ ދައްކަމުން ހިނގާނަން ހެއްޔެވެ؟

މިކަންކަން އެނގޭނަ މީހުންގެ ވާހަކަ ދައްކަމުން ހިނގާނަން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 16 ސިކުންތު

އަޅުގަނޑުގެ ބައެއް އެކުވެރިންނާއި ވާހަކަ ދައްކަން އުނދަގުލެވެ. އެއީ އެހެން މީހުންގެ ވާހަކަތައް ދައްކާލެއް ގިނަ ކަމުންނެވެ. އަޅުގަނޑު ބޭނުންވަނީ އެކަމުގެ ހުރި ނުބައިކަން އަންގައިދިނުމަށްޓަކައި ޙިއްޞާކޮށްލާނެ ލިޔުމެވެ.  

ކިޔުންތެރިޔާގެ ބޭނުން ތިރީގައިވާ ލިޔުމުން ފުދޭނެ ކަމަށް އުންމީދުކުރަމެވެ.  

ޣީބަ ޙަރާމް ކުރެއްވިކަމަށް ދޭހަވާ ސުންނަތުގެ ދަލީލުތައް: 

1.  ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إن دمائكم وأموالكم وأعراضكم عليكم حرام كحرمة يومكم هذا في شهركم هذا في بلدكم هذا).  

މާނައަކީ: "ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރްމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދުގެ (ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީފަދައިންނެވެ. މިމައްސަރު(ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީފަދައިންނެވެ. މިރަށް (މައްކާ) ޙުރުމަތްރެރިވީފަދައިންނެވެ". 

މިޙަދީޘްގެ ޝަރަޙާގައި އިބްނުލް މުންޛިރު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އުއްމަތަށް ބަޔާންކޮށްދެއްވައިފިއެވެ، އެކަން ޙަރާމް ކުރެއްވުން ގުޅިފައިވަނީ ލެޔާއި މުދަލާއެވެ. އެހެނީ ޙައްގަކާނުލާ މީހަކު މަރާނުލެވޭނެ ފަދައިން އަދި މީހެއްގެ މުދާ އަތުލައިނުގަނެވޭނެ ފަދައިން ޣީބަ ބުނުމަކީ ވެސް ޙަރާމް ކަމެކެވެ. އެކަން (ޣީބަބުނުން) ޙަރާމްކަން އިތުރަށް ޔަގީންކޮށްދެއްވުމުގެ ގޮތުން މައްކާގެ ޙުރްމަތާއި(މާތްކަން) ޛުލްޙިއްޖާމަހުގެ ޙުރްމަތާއި ގުޅުއްވައިލެއްވިއެވެ. އެހެނީ މައްކާގެ ބިމުގެ ޙުރުމަތްކެނޑުމާއި ޛުލްޙިއްޖާމަހުގެ ޙުރުމަތް ކެނޑުން ޙަރާމްވީފަދައިން ޣީބަބުނުންވެސް ޙަރާމްވެއްޖެއެވެ. 

އަލްއިމާމް ނަވަވީ މުސްލިމްގެ ޝަރަޙާގައި ލިޔުއްވާފައިވެއެވެ. މިޙަދީޘް ގެ މުރާދަކި ބަޔާން ކުރެވުނު ކަންތަކުގެ ބޮޑުކަން ބަޔާންކޮށްދެއްވާ، އެފަދަކަމަކަށް އަރައިނުގަތުމަށް އުއްމަތަށް އިންޛާރުދެއްވުމެވެ. 

2.  ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. (من أربي الربا الإستطالة في عرض المسلم بغير حق). وفي رواية ( إن من أكبر الكبائر استطالة المرء في عرض رجل مسلم بغير حق).  

މާނައަކީ: "އެންމެ ނުބައި ރިބާގެ ތެރޭގައި ޙައްގަކާނުލާ މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެއެވެ". އެހެން ރިވާޔަތެއްގައިވެއެވެ. "އެންމެ ބޮޑެތިފާފަ ތަކުގެ ތެރޭގައި ޙައްގަކާއި ނުލައި މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެއެވެ". 

3.  ޢައިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަމަނާ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އަށް ދެންނެވީމެވެ. ޞަފިއްޔާގެ ކިބައިން ކަލޭގެފާނަށް ފުދިއްޖެއެވެ، އެކަމަނާ ހާދަކުރެވެ. އެހިނދު ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ކަމަނާ ތިޔަވިދާޅުވި ކަލިމަ މޫދުގެ ލޮނުގަނޑާ އެކުވެގެން ހިނގައިދާނެއެވެ". 

މިޙަދީޘް ގެ ޝަރަޙަގައި މުބާރިކްފޫރީވިދާޅުވިއެވެ. މީގެ މާނައަކީ "ޣީބަ" އަކީ ކަނޑުގެ ލޮނުގަނޑާ އެއްކޮށްލެވޭނެ އެއްޗެއްނަމަ އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ކުލަބަދަލުވެގެން ހިނގައިދާފަދަ އެއްޗެކެވެ.  

މިއިން ދޭހަވަނީ "ޣީބަ" ބުނުމުގެ ނުބައިކަންބޮޑު ކަމެވެ. ކަމުގެ ޚުޠޫރަތްތެރި ކަމެވެ. ކުޑަކަމެއްގެ ގޮތުގައި ހީވިނަމަވެސް، ކަމަކީ އާދައިގެ ކަމެއް ނޫން ކަމެވެ.  

4.  މާޢިޒް-ރަޟިޔަﷲ ޢަންހު- ޒިނޭގެ ކުށައް އިޢުތިރާފްވި ހިނދު އެކަލޭގެފާނު ރަޖަމް ކުރެވުނެވެ. ރަޖަމް ކުރުމުގެ ޙާދިޘާ ނިމުނު ތަނުން ޞަޙާބީ ބޭކަލަކު ވިދާޅުވި އެވެ. މާތް ﷲ އޭނާ އަށް އެކަން(ޒިނޭކުރިކަން) ސިއްރުކޮށްދެއްވި ހިނދު، އޭނާ އަމިއްލަ އަށް އެވާހަކަ ދެއްކުމުން މިއަދު ކުއްތާއެއް ރަޖަމް ކުރާފަދައިން ހިލައިންތަޅާ އޭނާ ރަޖަމް ކުރެވިއްޖެއެވެ. މިއަޑު ކީރިތި ރަސޫލް ޞައްލަﷲ އަލައިހި ވަސައްލަމަ އަށް އިވިވަޑައިގެން މަރުވެފަިއވާ ޙިމާރެއްގެ މަސްގަނޑުގެނެސް އެވާހަކަގައި ބައިވެރިވި ޞަޙާބީންނަށް ދެންނެވިއެވެ. "މަރުވެފައިމިވާ ޙިމާރުގެ މަސްގަނޑު ތިޔަބައިމީހުން ކާށެވެ". އެހިނދު ޞަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ނަބިއްޔާ އެވެ. މަރުވެފައިވާ ޙިމާރެއްގެ މަސްގަނޑު ކާނީ ކޮންބައެއް ހެއްޔެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަޚާގެ އަބުރަށް އަރައިގަތުމުން ތިޔަ ކުރެވުނީ މި މުޅަމަސްގަނޑު ކެއުމަށްވުރެވެސް ނުބައިކަން ބޮޑު ކަމެކެވެ".

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް