އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުޕްރީމް ކޯޓަށް އާއްމުކޮށް އެންމެންނަށް ޒިޔާރަތް ކުރެވޭ ގޮތަށް އެކޯޓުން ހަމަޖައްސައިފި!

ސުޕްރީމް ކޯޓަށް އާއްމުކޮށް އެންމެންނަށް ޒިޔާރަތް ކުރެވޭ ގޮތަށް އެކޯޓުން ހަމަޖައްސައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 27 ސިކުންތު

ކޮންމެ މަހެއްގެވެސް ފުރަތަމަ ބުރާސްފަތި ދުވަހަކީ ސުޕްރީމް ކޯޓަށް ޢާއްމުކޮށް އެންމެނަށް ޒިޔާރަތްކުރެވޭ ދުވަހެއްގެގޮތުގައި ހަމަޖައްސައިފިއެވެ.

މިއާއެކު ކޯޓުގެ ސެކްޝަންތަކަށް ޒިޔާރަތްކޮށް ކުރާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ދިނުމާއި ޝަރީޢަތުގެ މަޖިލީހާއި ކޯޓުގެ ޢިމާރާތް ދައްކާލުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

މިއީ ރާއްޖޭގެ ކޯޓުތަކުގައި، ޚާއްސަކޮށް ސުޕްރީމް ކޯޓުގައިވެސް ޝަރީޢަތްތައް ކުރިއަށްދާ ވަގުތު އާއްމުންނަށް ޝަރީއަތުގެ މަޖިލިސް ކުރިއަށްދާގޮތް ބަލާލުމުގެ ފުރުސަތު ލިބިގެންދާ ފުރަތަމަ ފަހަރެވެ.

އެނގިފައިވާ ގޮތުގައި ކޮންމެ މަހެއްގެވެސް ފުރަތަމަ ބުރާސްފަތި ދުވަހަކީ އޯޕަންޑޭގެ ގޮތުގައި ހަމަޖައްސައި ޢާއްމުކޮށް އެންމެނަށް ސުޕްރީމް ކޯޓަށް ޒިޔާރަތްކުރެވޭގޮތަށް ހުޅުވާލުމުގެ ގޮތުން ފުރަތަމަ އޯޕެން ޑޭ ބާއްވާނީ އަންނަ މަހުގެ ފުރަތަމަ ބުރާސްފަތި ކަމުގައިވާ މާޗް ފަސްވަނަ ދުވަހުގައެވެ.

އޯޕަންޑޭ ކުރިއަށް ގެންދާނީ ތިން ސެޝަނަކަށް ބަހަލައިގެންކަމަށް އެކޯޓުން މަޢުލޫމާތުދެއެވެ.

އެގޮތުން ހެނދުނު ނުވަޔަކުން ފެށިގެން ބާރަ ޖެހުމާހަމައަށް ދިހަ ބޭފުޅަކު ހިމެނޭގޮތަށް ކޮންމެ ސެޝަނެއްވެސް ގަޑިއިރަކަށް ގެންދާނެކަމަށް އެކޯޓުން މައުލޫމާތު ދެއެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުން ބުނެފައިވަނީ ފުރުސަތު ދެވޭނީ އެދުވަހެއްގެ ސެޝަންތައް ފެށޭ ގަޑިއަށް ފުރަތަމަ ވަޑައިގަންނަވާ ދިހަ ބޭފުޅުންނަށްކަމަށާއި، ސެޝަންގައި ބައިވެރިވުމަށް ފެށޭ ގަޑީގެ ފަހުން ވަޑައިގަންނަވާ ބޭފުޅުންނަށް ކަނޑައެޅިފައިވާ ގަޑީގެ ސެޝަންގައި ބައިވެރިވުމުގެ ޖާގަ އޮތްނަމަ އެފުރުޞަތު ދެވޭނެކަމަށް ކަމަށެވެ. އަދި ފުރަތަމަ ވަދެވެންނެތް ނަމަ ދެން އޮންނަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނެކަމަށާއި، ސެޝަން ކުރިއަށްދާ ވަގުތު ކޯޓުގައި ޝަރީޢަތެއް ކުރިއަށްދާނަމަ ޝަރީޢަތަށް ވަނުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އެކޯޓުން މައުލޫމާތު ދެއެވެ.

ޓުއަރ އަށް ވަޑައިގަންނަވާ ބޭފުޅުން ކޯޓަށް ވަދެވޭނީ ކޯޓުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއްގައި ހުރުމުންކަން ހާމަކޮށް ސުޕްރީމް ކޯޓުންވަނީ ސުކޫލް، އިންސްޓިޓިއުޝަން ނުވަތަ މަދަނީ ޖަމިއްޔާ ޖަމާޢަތްތަކުން އަދި އެހެންވެސް ފަރާތްތަކަކުން ޚާއްޞަ ޓުއަރިއަކަށް އެދިއްޖެނަމަ އެކަމުގެ އިންތިޒާމްތައް ހަމަޖެއްސޭނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ