ގިނަ އަދަދެއްގެ ރައްޔިތުންނާއި ޕާޓީތަކުގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި އަދި ޕާޓީތަކުގެ މެންބަރުންނާއިއެކު އިދިކޮޅު ކޯލިޝަނުގެ ބައްދަލުވުން ފަށައިގެން އެބަ ކުރިއަށް ގެންދެއެވެ.
ބައްދަލުވުމުގައި ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ބައްދަލުވުން ފެށުމުގެ ކުރިން ޤާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބުމުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޤައުމާއި ރައްޔިތުންނަށްޓަކައި ބަދަލު ގެންނަން ޖެހިފައިވާ ނުވަތަ އިޞްލާޙްކުރަންޖެހިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް އިޞްލާޙްކުރެއްވުމަށް ކަމަށެވެ. އަދި ޤައުމުގެ ކަންކަން އިޞްލާޙްކުރުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތައް ކުރެއްވުމަށް ކަމަށެވެ.
ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހެޅި މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ޞައްޙަ ނޫން އެއްވެސް ސޮޔެއް ނުއޮންނާނެ ކަމަށާއި ހުރިހާ މެންބަރުންވެސް ސޮއިކޮށްފައިވަނީ ހެކިންގެ ހާޒިރުގައި ކަމަށެވެ.