ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40،000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްތައް ތަފާތު މަރުހަލާތަކުގައި ކުރިއަށް ގެންދެވޭ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ފިނޭންޝަލް އެކްސްޕޯ 2017 ހުޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެންމެ ގިނަ އަދަދެއްގެ ހައުސިންގ ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށާއި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ހައުސިންގ ޔުނިޓްތައް އެޅުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދެވޭ ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އިޖުތިމާޢީ ގތެދޮރުވެރިކަމަށް ކަމަށާއި ސޯޝަލް ހައުސިންގ ސްކީމްގެދަށުން ހުޅުމާލޭގައި އިތުރު 7000 ހައުސިންގ ޔުނިޓް ހުޅުމާލޭގައި އެޅޭނެ ކަމަށެވެ. "މިހާރު ވަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ފެށިފަ. ލޯނު އެއްބަސްވުމުގަ ސޮއިކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް."
ޑރ. މުޢިއްޒު ވިދާޅުވީ މިދައުރު ނިމުމުގެ ކުރިން މި 7،000 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް ނިންމައި ފްލެޓްތައް ލިބޭ ފަރާތްތަކާއި ހަވާލުކުރެވޭނެ ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ސޯޝަލް ހައުސިންގ މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދިއަ ނަމަވެސް މެދު އަދި މަތީ ފަންތީގެ ގިނަ އަދަދެްއގެ ހައުސިންގ ޔުނިޓްތައް އެޅުމުގެ މަސައްކަތްތައް އަމިއްލަ ފަރާތްތަކުން މިހާރުވެސް ކުރިއަށް އެބަ ގެންދާ ކަމަށާއި އިތުރު މަޝްރޫއުތަކުގައި ސޮއިކުރުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ މިހައި ގިނަ އަދަދެއްގެ ހައުސިންގ ޔުނިޓްތައް އެޅިގެންދާއިރު އެތަންތަން ގަތުމަށް ބޭނުންވާނެ ފައިސާ މާލީ ނިޒާމުތަކުގެ ތެރެއިން ހަމަޖެހިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހަމައެއައެކު ލުއި ގޮތްތަކެއް ހަމަޖެހުމުން ފަރުދީ ފަރާތްތަކަށްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.
ޑރ، މުޢިއްޒު ވިދާޅުވީ މާލޭގައިވެސް އިތުރު ހައުސިންގ ޔުނިޓްތަކެއް އެޅިގެންދާނެ ކަމަށެވެ. އަދި މާލޭގައި އަޅަން ސަރުކާރުން ވިސްނަނީ މެދު އަދި މަތީ ފަންތީގެ ހައުސިންގ ޔުނިޓްތައް ކަމަށެވެ. "ކުރިއަށް އޮތް އަހަރެއްހައި ދުވަސްތެރޭގައި މަޝްރޫއުތަކަށް ފުރުޞަތު ހުޅުވާލެވި އިރާދަކުރެއްވިއްޔާ މަސައްކަތްތައް ފެށިގެންދާނެ." ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.