ހުރިހާ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވައުދެއް ކަމަށާއި އެއްވެސް އާމްދަނީއެއް ނުލިބޭ އެންމެ ނިކަމެތި ރައްޔިތުންނަށްވެސް ސަރުކާރުން ގޮތްތަކެއް ހަމަޖައްސައިދޭނެކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުޢިއްޒު ވިދާޅުވީ މިއަދު ހާމަކުރި ހައުސިންގ ލޯނުތައް ލިބޭނީ ހަމައެކަނި މާލެ އާއި ހުޅުމާލޭގައި އަޅާ ފްލެޓްތައް ގަތުމަށް ނޫން ކަމަށާއި ރާއްޖެތެރޭގައި ލިބިފައި ހުރި ގޯތިތަކުގައި ގެދޮރު އެޅުމަށްވެސް ލޯނު ލިބޭނެ ކަމަށެވެ. އަދި މިއީ ގޯތި ލިބި ގެދޮރު ނުއެޅިފައި ތިބި ރައްޔިތުންނަށް ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ދިރިއުޅެލެވޭވަރުގެއެއް ރާއްޖެތެރޭގައި އަޅާނަމަ މިލިއަނެއްހައި ރުފިޔާއިން އެޅޭނެ ކަމަށާއި އެހެންކަމުން މިއަދު ހާމަކުރި ސްކީމުގެދަށުން ގިނަބައަކަށް ބޯހިޔާވަހިކަން ހޯދޭނެ ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ބޭންކުތަކުގައި ލޯނު އިންޓަރެސްޓް ރޭޓް މިހާރު ހުރީ 11 އިންސައްތައިގައި ކަމަށާއި 5 އިންސައްތަ އާއި 6 އިންސައްތައިގައި ލޯނު ލިބޭނެ ގޮތް ސަރުކާރުން ހަމަޖެއްސީ އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި މިސަރުކާރަކީ ވީހައި ލުއި ފަސޭހަގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ސަރުކާރެއް ކަމަށެވެ.
މިއަދު ތަޢާރަފްކުރި ސްކީމްގެދަށުން 20 އިންސައްތަ ދައްކައިގެން ލޯނު ހޯދާނަމަ އިންތަރެސްޓަކަށް ނަގަނީ 5 އިންސައްތައެވެ. 10 އިންސައްތަ ދައްކާނަމަ 5.5 އިންސައްތައެވެ. 5 އިންސައްތަ ދައްކާނަމަ 6 އިންސައްތައެވެ.
ޓާޓާއިން ތަރައްޤީކުރި ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން 210 ފަރާތަކަށް އަދިވެސް ލޯނު ހަމަނުޖެހި އޮތްކަން ފާހަގަކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވީ މިކަމުގެ ސަބަބުން އެ އެންމެންގެ މައްސަލަތައްވެސް ޙައްލުވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.