ޕާޓީން ބޭނުންވާ ގޮތަށް ވޯޓުދޭންޖެހޭނަމަ މެންބަރުންގެ ހުވައާ އެއްގޮތަށް މަސައްކަތެއް ނުކުރެވޭނެ: މާރިއާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޕާޓީން ބޭނުންވާ ގޮތަށް ވޯޓުދޭންޖެހޭނަމަ މެންބަރުންގެ ހުވައާ އެއްގޮތަށް މަސައްކަތެއް ނުކުރެވޭނެ: މާރިއާ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިޞްބަތްވާ ސިޔާސީ ޕާޓީތަކުން ބޭނުންވާ ގޮތަށް މަޖިލީހުގައި ވޯޓުދޭންޖެހޭނަމަ މެންބަރުން ކޮށްގެން ތިބޭ ހުވައާއި އެއްގޮތަށް މަސައްކަތް ނުކުރެވޭނެ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިިޝަނުގެ މެންބަރުން މިރޭ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިއާ ވިދާޅުވީ މެންބަރުންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ދާއިރާއަށް ކުރިއެރުން ހޯދައިދިނުން ކަމަށެވެ. އެހެންކަމަށްވާއިރު މެންބަރު ނިޞްބަތްވާ ސިޔާސީ ޕާޓީއަކުން އެކަމަށް ހުރަސްއަޅައިފިނަމަ އެކަން ނުކުރެވޭނެ ގޮތަކަށް ޤާނޫނާއި ޤަވާއިދު ހަމަޖެހުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މާރިއާ ވިދާޅުވީ ސަރުކާރުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތީރީ މައްސަލަ އެގޮތަށް ސްޕްރީމް ކޯޓުން ނިންމަވައިފި ނަމަ ސަރުކާރު ޖަވާބު ދާރީ ކުރުވަން މެންބަރުން ކުރަންޖެހޭ މަސައްކަތްތަކަށް އަދި ދާއިރާގެ ތަރައްޤީއަށްޓަކައި މަޖިލީހަށް ހުށަހަޅަންޖެހޭ ކަންކަން ވެސް ހުށަހެޅޭނީ ޕާޓީގެ ރުހުން ލިބިގެން ކަމަށެވެ. ޕާޓީން އެކަމަށް ނުރެހޭނަމަ ހުށަނުއެޅޭނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި މެންބަރުން ކޮށްގެން ތިބޭ ހުވައާއި އެއްގޮތަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސްޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅި މައްސަލަ ސްޕްރީމް ކޯޓުން އެގޮތަށް ނިންމަވައިފިނަމަ ދައުލަތުގެ އެއްވެސް މުއައްސަސާއެއް ޖަވާބުދާރީ ނުކުރުވޭނެ ކަމަށެވެ. އެކަމަށް މިހާރު ހުރި ފުރުޞަތުތައްވެސް ބަންދުވެގެންދާނެ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް ވިދާޅުވެފައިވަނީީ ދައުލަތުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ޤާނޫނާއި ޚިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެފަދަ މައްސަލައަކަށް ސްޕްރީމް ކޯޓުން ތާއީދު ކުރައްވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މިއަދު އޮންލައިން