މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގަން ކުރި ސޮއި، އަނބުރާ ނަގަން އަންގައިފި

ކިޔުމަށް ހޭދަވާނީ 1މ 21ސ
މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގަން ކުރި ސޮއި، އަނބުރާ ނަގަން އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ސޮއި ކުރި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް މެންބަރުންގެ ސޮއި، އަނބުރާ ނަގަން އެޕާޓީއިން އަންގައިފިއެވެ.

ޕީޕީއެމް ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިޤްބާލް އާދަމް ސޮއި ކުރައްވާ އެމެންބަރުންނަށް މިއަދު ފޮނުއްވި ސިޓީގައި އަންގާފައިވަނީ، ޕީޕީއެމް ގެ ފިކުރާއި ދެކޮޅަށް އިސްވެ ތިބެ، އެކުލަވާލި އިތުބާރު ނެތްކަމުގެ ޤަރާރުގައި ޕީޕީއެމް ގެ މެންބަރެއްގެ ގޮތުގައި ހުރެ ސޮއި ކުރުމަކީ އެޕާޓީގެ އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގެ ހ އާއި ށ އަދި ޕާލިމަންޓަރީ ގްރޫޕް ހިންގާ ޤަވައިދާ ވެސް ޚިލާފުކަމެއް ކަމަށާއި އެހެންކަމުން މިރޭ 12:00 ގެ ކުރިން އެސޮއި އަނބުރަ ނެގުމަށްފަހު އެކަން ޕީޕީއެމް ގެ އޮފީހަށް އެންގުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ޕީޕީއެމް ގެ 10 މެންބަރަކު ސޮއި ކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ ސޮއި އަނބުރާ ގެންދަވާފައެވެ. ނަމަވެސް ދެން ތިބި މެންބަރުން ވަނީ އެބޭފުޅުންގެ ސޮއި އަނބުރާ ނުގެންދަވާނެ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ. އެމެންބަރުން ޕާޓީއިން ވަކިވާން ސިޓީލިނަމަވެސް، ޕާޓީ އިިން ވަކިކޮށްދެވެން ނެތްކަން ވެސް ވަނީ އަންގާފައެވެ.

އެއްވެސް ސިޔާސީ ޕާޓީ އެއްގެ މެންބަރަކު ޕާޓީއިން އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ ވަކި ކޮށްފިނަމަ، އެމެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ހަފްތާގައި ޙުކުމް ކޮށްފައެވެ.
މިއަދު އޮންލައިން