ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއިމެދު އަމަލުކުރުމަށް ސްޕްރީމް ކޯޓުން ކުރި އަމުރުގައި ވަނީ މެންބަރަކު ޕާޓީއަކުން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުމުން ގޮނޑި ގެއްލޭނެ ކަމަށް ކަމަށާއި ސްޕްރީމް ކޯޓުގެ ޙުކުމްތަކަށް ޕީޕީއެމުން އަބަދުވެސް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށް ޕީޕީއެމްގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ޢަބްދުއްރަޙީމް ވިދާޅުވީ ސުލޫކީ މައްސަލަތައް ހުރި މެންބަރުން ވަކިކުރުމަށްފަހު އެކަން ވާނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ކަމަށާއި އެމީހުންނާއިމެދު އަމަލުކުރާނެ ގޮތެއް އެނގޭނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށެވެ.
ކައުންސިލް ބައްދަލުވުމަށްފަހު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިރޭގެ ބައްދަލުވުމުގައި ޕާޓީގެ މެންބަރުން (މަޖިލިސް މެންބަރުން) ވަކިކުރުމުގެ މައްސަލައިގައި މަޝްވަރަކޮށްފައި ނުވާ ކަމަށާއި މަޝްވަރާ ކުރީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ.
ޢަބްދުއްރަހީމް ވިދާޅުވީ ރާއްޖެތެރެއަށް ދަތުރުތައް ފެށުމަށާއި ޖަގަހަތައް އަލުން ހިންގަން މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން އަންނަ ހަފްތާ ބަންދުގައި ހަރަކާތްތައް ފެށިގެންދާނެ ކަމަށެވެ.