މުޅި ޤައުމު ސިޔާސީކޮށްފައި އޮތުމުން ފުލުހުން އިއުލާނުކުރަނީ ސިޔާސީ މީހުން ހޯދަން ކަމަށާއި ވަޅިހެރުން ޢާންމުވެ މީހުން މަރަމުން ގެންދާއިރު ވަޅި ހަރާ މީހުން ހޯދަން އިއުލާނުކުރާތަން ފެނިވަޑައި ނުގަންނަވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ވިދާޅުވީ މަޖިލީހުގެ މެންބަރުން ނުފެނިގެން ރައްޔިތުން ނުއުޅޭ ކަމަށާއި އެންމެންނަށްވެސް ފެންނަ ކަމަށެވެ. ރައްޔިތުންނަށް ނުފެނިގެން އުޅެނީ ވަޅިހަރާ މީހުން ކަމަށާއި އެހެންކަމުން ރައްޔިތުން ހޯދަން މަސައްކަތްކުރަނީ ވަޅިހަރާމީހުން ކަމަށެވެ.
މާރިޔާ ވިދާޅުވީ މިމައްސަލަތައް މިގޮތަށް ކުރިމަތިވަމުން މިއަންނަނީ ފުލުހުންގެ ހުރިހާ ސަމާލުކަމެއް ސިޔާސީ މީހުންނަށް އަމާޒުވެފައިވާތީކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
ދާދިފހުން ވަނީ ދުވާލު މެންދުރު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު ކައިރީގައިވެސް މީހެއްގެ ގައިގައި ކަޓަރު އަޅާފައެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާތައް ހަރުކޮށްފައި ހުންނަ ސަރަހައްދެއް ނަމަވެސް އެކަން ކުރިމީހާ އާއިބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މިހައިތަނަށް ހާމަކުރިކަން އެނގިފައެއް ނުވެއެވެ.