ޕީޕީއެމުން މުޅި ރާއްޖެއަށް ހުޅުވާލަިއގެން ކުޅިވަރު މުބަރާތްތަކެއް ބާއްވަން ނިންމައިފިއެވެ. މިމުބާރާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކުން ޓީމުތައް ބައިވެރިކޮށްގެން އަތޮޅު ފެންވަރުގައާއި ޒޯނު ފެންވަރުގައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަހީމް ވިދާޅުވީ މިހަރަކާތް ކުރިއަށް ގެންދާނީ އަންހެނުންނަށާއި ފިރިހެނުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކަމަށެވެ. އެގޮތުން ފިރިހެނުންނަށް ޚާއްޞަކޮށްފައިވަނީ ފުޓްސެލް މުބަރާތެއް ކަމަށާއި އަންހެނުންނަށް ޚާއްޞަކޮށްފައިވަނީ ވޮލީ މުބާރާތެއް ކަމަށެވެ.
މުބާރާތްތައް އަތޮޅުފެންވަރުގައި ކާމިޔާބުކުރާ ޓީމަށް 50،000 ރުފިޔާ، ދެވަނަ ހޯދާ ޓީމަށް 30،000 ރުފިޔާ އަދި 3 ވަނަ ހޯދާ ޓީމަކަށް 20،000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ. ޒޯން މުބާރާތުން 1 ވަނަ ހޯދާ ޓީމަށް 100،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ ހޯދާ ޓީމަށް 75،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 50،000 ދިނުމަށް ވަނީ ހަމަޖެހިފައެވެ. މާލެއައިއެކު 6 ޒޯނަށް ބަހާލައިގެން ކުޅޭ ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި މާލޭގައި ބާއްވާ މުބާރާތުން 1 ވަނަ ހޯދާ ޓީމަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު މުބަރާތައް ވެގެންދާނެ ކަމަށެވެ. އަދި ޒުވާނުންނަށް ޚާއްޞަކޮށްގެން މިފަދަ ބޮޑު މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ސިޔާސީ ފިކުރުތަކުން ޒުވާނުން އެއްކިބާކުރުވައި ޒުވާނުންނަށް ފައިދާހުރި ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށެވެ.