މިރޭ ހުޅުވި ރަސްރަނި ބަގީޗާ ތަރައްޤީކުރުމުގެ ބޭނުމަކީ ކުޑަކުދިންނާއި ޢާއިލާތަކަށް އުފާވެރިކަން ގެނެސްދިނުން ކަމަށާއި މިފަދަ ބަގީޗާއެއް ތަރައްޤީ ކުރެއްވުމުގައި ރައީސް ޢަބްދުﷲ ޔާމީންގެ ބޭނުން ފުޅަކީ ކުޑަކުދިންނަށާއި ޢާއިލާތަކަށް އުފާވެރިކަން ގެނެސް ދެއްވުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ
ޑރ. މުޢިއްޒު މިރޭ ވިދާޅުވީ ރަސްރަނި ބަގީޗާ ހުރި ބިމަކީ 800 އަށްވުރެ ގިނަ އަހަރު ރަސްކަން ކުރިތަނެއް ކަމަށާއި 1972 ވަނަ އަހަރު ސަލްޓަން ޕާކު ހުޅުވި ނަމަވެސް މިސަރުކާރު ވެރިކަމަށް އައިއިރު އެތަން އޮތީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ރަސް ރަނި ބަގީޗާ ޢާންމުކޮށް ހުޅުވައިލެވޭނީ އަންނަ ހުކުރު ދުވަހު ހަވީރު ބާއްވާ ކުޑަކުދިންގެ ހަވީރަކުން ކަމަށެވެ.
ހަވީރު ފެށޭނީ ހަވީރު 4:00 ގައި ކަމަށެވެ. "އެއަށް ފަހު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 6:00 އިން ރޭގަނޑު 12:00 އަށް ހުޅުވައިލެވޭނެ. ހުކުރު ދުވަހު ހެނދުނު 11:00 އިން މެންދުރު 2:00 އަށް ބަންދުކުރެވޭނެ."
ޑރ. މުޢިއްޒު ވިދާޅުވީ ބަގީޗާގައި ހުރި ލެޑް އުނދޯލިތަކަކީ މި ބަގީޗާ ފިޔަވައި ހަމައެކަނި އެމެރިކާގެ ބޮސްތަންގައި ހުރި ބާވަތެއްގެ އުނދޯލިތަކެއް ކަމަށެވެ.
ބަގީޗާގައި 18،000 އަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށައި 90،000 އަކަފޯޓަށްވުރެ ބޮޑު ސަރަހައްދެއްގައި ވިނަ އިންދައި ފެހި ކުރެވިފައިވާ ކަމަށާއި ބަގީޗާގައި ދުންފަތާއި އެނަރޖީ ޑްރިންކް ބޭނުންކުރުން މަނާ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ބަގީޗާއަށް ދިވެހިންނަށް ހިލޭ ވަދެވޭނެއެވެ. ބޭރު މީހުންނަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. 24 ގަޑިއިރު ފުލުހުން ޑިޔުޓީ ބަލަހައްޓާނެއެވެ.
ޒަމާނީ ފެންވަރުގެ ބޭބީ ކެޔަރ ރޫމެއް ހުންނައިރު ކުޑަކުދިންނަށް ވުޟޫ ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ. އެހެންކަމުން ވަގުތު ޖެހުމުން ބަގީޗާގައި ވުޟޫކޮށްގެން ނަމާދަށް ދެވޭނެއެވެ.