ރަހުމަތްތެރިކަމުގެ ދަތުރެއްގައި މިހާރު ރާއްޖެ އައިސްއުޅޭ ޗައިނާގެ ޕީޕަލްސް ލިބަރޭޝަން ނޭވީގެ ތިން މަނަވަރުގެ ކޮމާންޑަރ، ރެއާ އެޑްމިރަލް ޝެން ހާއޯ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު މެންދުރު ބަންޑާރަކޮށީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހި އަސްކަރިއްޔާ އާއި ޗައިނާގެ އަސްކަރިއްޔާއާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި، ތަފާތު އެކި ދާއިރާތަކުން މި ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޗައިނާ އަސްކަރިއްޔާގެ ފަރާތުން ދިވެހި އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރެއާ އެޑްމިރަލް ޝެން ހާއޯގެ އަރިހުގައި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާސަފީރު، މިސްޓަރު ޒަންގް ލިޒޯންގް، ބައިވެރިވެވަޑައިގެންފައިވެއެވެ.