ރާއްޖޭގަ ހިންގަނީ ސިޔާސީ ވާދަވެރިންގެ ނަސްލު ނައްތައިލުމުގެ މަސައްކަތް: ކޯލިޝަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރާއްޖޭގަ ހިންގަނީ ސިޔާސީ ވާދަވެރިންގެ ނަސްލު ނައްތައިލުމުގެ މަސައްކަތް: ކޯލިޝަން
މިޔަންމާގައި ކުރަމުން ގެންދަނީ ރޮހިންޔާ މުސްލިމުންގެ ނަސްލު ނައްތައިލުމުގެ މަސައްކަތް ކަމަށާއި ރާއްޖޭގައި ކުރަމުން ގެންދަނީ ސިޔާސީ ވާދަވެރިންގެ ނަސްލު ނައްތައިލުމުގެ މަސައްކަތްތަކެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން މައުލުމާތު ދެއްވަމުން މަޑުއްވަރީ ޑާއިރާގެ މެންބަރު މުޙައްމަދު އަމިތު ވިދާޅުވީ ދިވެހި ސަރުކާރުން ގެންދަނީ ސިޔާސީ ހުރިހާ ވާދަވެރިންގެ މައްޗަށް ޖަލު ޙުކުމް އިއްވައި ޖަލުގައި ބަންދުކުރަމުން ކަމަށާއި ޖަލުގައި ބަންދުވާން ބޭނުން ނޫންނަމަ ސަރުކަރާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް އޮތީ ޤައުމުން ބޭރަށް ދިއުން ކަމަށެވެ.
އެހެންކަމުން މިކަންކަމަކީ ސިޔާސީ ވާދަވެރިންގެ ނަސްލު ނައްތައިލުމަށް ސަރުކާރުން ހިންގާ ބޮޑެތި ޖަރީމާތަކެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

އަމިތު ވިދާޅުވީ ސަރުކާރުން މިފަދަ ޖަރީމާތައް ހިންގި ނަމަވެސް ޤައުމުގައި އިޞްލާޙްކުރަންޖެހިފައިވާ ކަންކަން އިޞްލާޙްކުރުމަށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށާއި ދާނީ ކުރިއަށް ކަމަށެވެ.

އަމިތު ވިދާޅުވީ މިއަހަރުގެ ޑިމޮކްރަސީ ދުވަސް މާދަމާ ފާހަގަކުރާއިރު ޖަލުގައި ބަންދުކޮށްފައިވާ ސިޔާސީ ލީޑަރުންެގ އަދަދު ވަނީ އިތުރުވެފައި ކަމަށެވެ. ދައުވާ އުފުލާފައިވާ ސިޔާސީ ފަރާތްތަކުގެ އަދަދުވެސް ވަނީ އިތުރުވެފައި ކަމަށެވެ. އެހެންކަމުން މިއީ އިންތިހާއަށް ކަންބޮޑުވާންޖެހިފައިވާ ކަންކަން ކަމަށްވެސް އަމިތު ވިދާޅުވިއެވެ.
މިއަދު އޮންލައިން