މި އަހަރު 18 ސްކޫލެއްގެ 2236 ދަރިވަރުން ވަނީ ހެލްތްސްރީން ކުރެވިފައި: އެމްއެންޑީއެފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
މި އަހަރު 18 ސްކޫލެއްގެ 2236 ދަރިވަރުން ވަނީ ހެލްތްސްރީން ކުރެވިފައި: އެމްއެންޑީއެފް
އެމްއެންޑީއެފް މެޑިކަލް ސަރވިސް އިން މި އަހަރު 18 ސްކޫލެއްގެ 2236 ދަރިވަރުން ވަނީ ހެލްތްސްރީން ކުރެވިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މި ޕްރޮގްރާމްގެ ދަށުން މާލެ ސިޓީގެ ހުރިހާ ސްކޫލްތަކާއި ހުޅުމާލެ އާއި ވިލިމާލޭގެ ސްކޫލްތަކުގެ ދަރިވަރުން ހެލްތް ސްރީން ކުރެވިފައިވެއެވެ. ހެލްތު ސްކްރީން ކުރުމުގެ މި ޕްރޮގްރާމަކީ ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަނެ އެކުދިންގެ ބެލެނިވެރިންނާއި ޙިއްޞާކޮށް ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ސްކޫލްތަކުގެ ގުރޭޑު 1 ގެ ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަތުމަށް ހިންގާ މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޑިފެންސް މިނިސްޓްރީ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮގްރާމެއްކަމަށާއި ދެ އަހަރު ދުވަހަށް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ފުރަތަމަ ސޮއެ ކޮށްފައިވަނީ 2014 ފެބްރުއަރީ 18 ވަނަ ދުވަހުއެވެ. އަދި ދެވަނަ ފަހަރަށް މި އެއްބަސްވުން އާކޮށްފައިވަނީ 2016 ފެބްރުއަރީ 16 ވަނަ ދުވަހުކަމަށެވެ.

މި އަހަރުގެ އެންމެ ފަހު ސްކޫލެއްގެ ގޮތުގައި ހެލްތް ސްކްރީން ކޮށްފައިވަނީ އަހުމަދިއްޔާ ސްކޫލުގެ ގްރޭޑް 1 ގެ ދަރިވަރުންނެވެ. މިއަދު އަހުމަދިއްޔާ ސްކޫލުގައި ކުރިއަށްގެންދެވުނު ސްކްރީނިންގައި އެ ސްކޫލްގެ 65 ދަރިވަރުން ވަނީ ހެލްތް ސްކްރީން ކޮށްފައެވެ.

މި ޕްރޮގްރާމްގައި ދަރިވަރުން ހެލްތް ސްރީން ކުރުމުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފްގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާއިން ތަމްރީން ވެފައިވާ ސިފައިންނެވެ.

މި އަހަރުގެ ދަރިވަރުންގެ ހެލްތް ސްރީން ރިޕޯރޓް ތައްޔާރުކުރުމުގެ މަސައްކަތް އެމްއެންޑީއެފް މެޑިކަލް ސަރވިސް އިން ދަނީ ކުރަމުންނެވެ.



މިއަދު އޮންލައިން