"ސޮލެއިލް" ނަމަކަށް ކިޔާ ސަފާރީއެއް ބ. އަތޮޅު ދިގުފަރު ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މިކަމުގެ ރިޕޯރޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އަށް ލިބިފައިވަނީ ފަތިހު 5:11 ހާއިރު ކަމަށް އެމްއެންޑީއެފް ބުނެއެވެ.
މި ހާދިސާގެ ރިޕޯރޓް ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ވަނީ ޑައިވަރުންގެ ޓީމަކާއި އެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
ފަރަށް އެރުމާއި ގުޅިގެން ސަފާރީއަށް ދިޔަވަމުންދާތީވެ ފެން ހިއްކާ ދެ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. އަދި ކޯސްޓްގާޑުގެ ޑައިވިންގ ޓީމުން މި ސަފާރީގެ ބަނޑުފިލާ ފަޅައިގެން ގޮސްފައިވާ ތަން ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
މި ހާދިސާ ދިމާވި އިރު ސަފާރީގައި 8 ފަތުރުވެރިންނާއި ފަޅުވެރިންގެ ގޮތުގައި 5 ދިވެހިންނާއި 6 ބިދޭސީން ތިބި އިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ސަފާރީގައި ތިބި 8 ފަތުރުވެރިން، ސަފާރީގެ ވެރިފަރާތުން ވަނީ ރޯޔަލް އައިލެންޑް ރިސޯޓަށް ގެންގޮސްފައެވެ.