ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ 20 ވަނަ ފޮޓޯ މަޢުރަޒު، އެމްއެންޑީއެފް ސަދަން އޭރިއާ، ސ.ހުޅުމީދޫގައި މިއަދު ހުޅުވައިފިއެވެ.
ސިފައިންގެ ފޮޓޯ މައުރަޒު ހުޅުވުމުގެ ގޮތުން އައްޑޫސިޓީ ހުޅުމީދޫގައި ހުންނަ ސ.އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފޮޓޯ މައުރަޒު ހުޅުއްވައިދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ، ކާނަލް ޢަބްދުﷲ އިބްރާހީމްއެވެ.
މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ބައެއް ފޮޓޯތަކާއި، ސިފައިން ކުރަމުންދާ އިޖުތިމާޢީ ހަރަކާތްތަކާއި، ސިފައިންގެ ތަމްރީނާއި ސިފައިންގެ އުމުރާނީ ތަރައްޤީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކުގެ އިތުރުން ސިފައިންގެ ތާރީޚީ ބައެއް ފޮޓޯތައް މި ފޮޓޯ މަޢުރަޒުގައި ހިމެނެއެވެ. އަދި މި ހުޅުވުނު ސިފައިންގެ ފޮޓޯ މަޢުރަޒާއެކު އާއިލީ ހަވީރެއް ވެސް ވަނީ އެ ސްކޫލުގައި ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ 6:00 އާ ހަމައަށް ކުރިއަށްގެންދިޔަ މި އާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތަކާއި އެކިކަހަލަ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ފޮޓޯ މަޢުރަޒު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، މިއަދު 16:00 އިން ފެށިގެން 18:00 އަށް، އަދި ރޭގަނޑު 20:00 އިން ފެށިގެން 22:00 އާ ހަމައަށެވެ. އަދި، މާދަމާ މި ފޮޓޯ މަޢުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން 18:00 އާ ހަމައަށެވެ. މި ފޮޓޯ މަޢުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.
ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ކުރިއަށްދާ ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ އިސް އޮފިސަރުންނާއި އައްޑޫސިޓީ ހުޅުމީދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ބައިވެރިވެފައިވެއެވެ