ކުޅުދުއްފުށީގަ ނަމޫނާ ބަނދަރެއް ތަރައްޤީކުރަނީ: ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކުޅުދުއްފުށީގަ ނަމޫނާ ބަނދަރެއް ތަރައްޤީކުރަނީ: ޑރ. މުޢިއްޒު
ކުޅުދުއްފުށީގައި ރާއްޖެއަށް ނަމޫނާ ބަނދަރެއް ތަރައްޤީކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމަށް 6 އަހަރުފުރުން ފާހަގަކުރުމަށް މިރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޑރ. މުޢިއްޒު ވިދާޅުވީ އަންނަ އަހަރުގެ މެއިމަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ ބަނދަރަކީ 1100 ފޫޓު ދިގު 500 ފޫޓު ފުޅައުމިން ހުންނާނެ ބަނދަރެއް ކަމަށެވެ. އަދި ބަނދަރު ހަދަނީ ބޭރުގެ ހިލޭ އެހީއެއް ހޯދައިގެން ކަމަށާއި އެއީ ކުޅުދުއްފުށީގެ ރައްޔިތުންނަށްޓަކައި މިސަރުކާރުން ކޮށްދޭ މުހިންމު މަސައްކަތެއް ކަމަށެވެ.

"މިބަނދަރަކީ ވަރަށް ޚާއްޞަ ގޮތަކަށް ތަރައްޤީ ކުރެވޭ ބަނދަރެއް. ބޭރު ތޮށީގައިވެސް އޮޑިދޯނިފަހަރު އެޅޭ ގޮތަށް ތަރައްޤީ ކުރެވޭ ބަނދަރެއް. އަރިމަތީ ތޮށީގައިވެސް ބައިވަރު ޖެޓީތަކެއް ލެވިފައި ހުންނަ ބަނދަރެއް."

ޑރ، މުޢިއްޒު ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ފެންވަރު ރަނގަޅު ފެރީ ޓަރމިނަލަކާއި މަސްމާރުކޭޓެއްވެސް އެޅިގެންދާނެ ކަމަށެވެ. "ފެރީ ޓަރމިނަލުގަ ތަފާތު ވިޔަފާރިތައް ކުރާނެ ތަންތަންވެސް ހުންނާނެ. ބަނދަރު ބަލަހައްޓާނެ ގޮތާއި ބަނދަރުން ނަފާ ހޯދޭނެ ގޮތްތައް ދަސްކޮށްދިނުން ވެސް މަޝްރޫޢުގައި ވަނީ ހިމެނިފަ."

މިއީ މިގޮތަށް ރާއްޖޭގައި ހިންގޭ ފުރަތަމަ މަޝްރޫއުކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ވެސް އެރަށުގައި ގިނަ މަޝްރޫއުތަކެއް މިހާރުވެސް އެރަށުގައި ހިނގަމުން ގެންދާކަންވެސް ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން