އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ހުޅުމާލޭގައި ސަރުކާރުން އަޅާފައިވާ 704 ހައުސިންގ ޔުނީޓުގައި މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް 2 ގައި އަޅަން ފަށާ އެއް ލައްކައަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އަޅަން ފެށުން އިފްތިތާޙް ކުރުމަށް މިރޭ ހުޅުމާލޭ ފޭސް 2 ގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށް ރައްޔިތުން ގެންދަނީ ތަކުރާރުކޮށް ބުނަމުން ކަމަށެވެ. އެހެންކަމުން ބޯހިޔާވަހިކަމުގެ މަޝްރުއަކީ ރައީސް ޔާމީން އެންމެ ބޮޑަށް އިސްކަން ދެއްވާ މަޝްރުއު ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ސުނާމީއަށްފަހު 10 އަހަރު ފައިތުވިއިރުވެސް ސުނާމީގައި ޙާލުގައި ޖެހުނު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވުނު ކަމަށާއި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރު ތެރޭގައި އެކަން ކޮށްދެއްވާފައި ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ވެސް ގެންދަނީ މަޝްރޫއުތައް ހިންގަމުން ކަމަށެވެ. ގެވަޅު ލިބިފައިވާ ފަރާތްތަކަށް ލުއި ލޯނުވެސް ގެންދަނީ ދޫކުރަމުން ކަމަށެވެ.