"އެކުވެރިން"ގެ ފަރިތަކުރުންތައް ނިންމާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
"އެކުވެރިން"ގެ ފަރިތަކުރުންތައް ނިންމާލައިފި
ދިވެހި އަސްކަރިއްޔާ އާއި އިންޑިއާ ސިފައިން ގުޅިގެން "އެކުވެރިން"ގެ ނަމުގައި 14 ދުވަހަށް އިންޑިއާގައި ކުރިއަށް ގެންދިއަ ފަރިތަކުރުންތައް އިއްޔެ ވަނީ ނިންމާލައިފައެވެ.

މިފަރިތަކުރުންތަކަކީ ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ފަރިތަކުރުންތަކެކެވެ. ފަރިތަކުރުންތައް ކުރިއަށް ގެންދަނީ އަހަރަކު ޤައުމެއްގައެވެ.

މިފަދަ ފަރިތަކުރުންތައް ދެ ޤައުމުގެ މެދުގައި ކުރިއަށް ގެންދަނީ ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. ޚާއްޞަކޮށް ކައުންޓަރ ޓެރަރިޒަމްގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ އަދި ކަނޑުމަތީގެ ހާދިސާއެއް ހިނގައިފިނަމަ ސަލާމަތްވުމަށް އަޅާނެ ފިޔަވަޅުތަކަށް ބޭނުންވާ ތަމްރީނު ހޯދުމަށެވެ.

މި ފަހަރުގެ ފަރިތަކުރުންތަކާއި ގުޅިގެން ދެ ޤައުމުންވެސް ބުނެފައިވަނީ ފަރިތަކުރުންތައް ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި 2 ޤައުމުގެ ސިފައިން ވެސް ވަނީ އެމީހުންގެ ޤާބިލުކަން ދައްކައިދީފައި ކަމަށެވެ.

ފަރިތަކުރުންތަކުގައި ބައިވެރިވަޑައިގެންނެވި ރާއްޖޭގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަނީ އިންޑިއާ އިން ފަހިކޮށްދިން ފުރުޞަތުތަކަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެެ.

މި ފަރިތަކުރުންތަކުގެ ތެރެއިން ބައެއް ޘަޤާފީ ހަރަާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ދިވެހި ސިފައިންނަށް ވަނީ ބައެއް ތަފާތު ތަޖުރިބާތައް އިޙްޞާޞް ކުރުމުގެ ފުރުޞަތުވެސް ހަމަޖައްސައިދީފައެވެ.

ރާއްޖެ އާއި އިންޑިއާގެ އަސްކަރިއްޔާގެ ދެމެދުގައި އަބަދުވެސް އޮންނަނީ ވަަރަށް ގާތް ގުޅުމެކެވެ. އިންޑިއާއަކީ ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ ވަރަށް ގިނަ ތަފާތު އެހީތައް ފޯރުކޮށްދޭ ޤައުމެކެވެ.

ފަރިތަކުރުންތައް ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާގެ އިސް ބައެއް އޮފިސަރުން ބައިވެރިވިއެވެ.
މިއަދު އޮންލައިން