ޤާނޫނީ ވަކީލް ނޫއްސަލާމް އާއި އިތުރު ދެ ވަކީލުން ޖުމްހޫރީ ޕާޓީއާއި ގުޅި ޕާޓީއަށް ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ޖޭޕީގެ މައި އިދާރާ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބް ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވީ ސިޔާސީ ގޮތުން ޤައުމުގެ ކަންކަން އިޞްލާޙްކުރުމަށް ޖުމްހޫރީ ޕާޓީން، ޚާއްޞަކޮށް ޤާސިމް އިބްރަހީމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ތަފާތު ގިންތިތަކުގެ އަދި ތަފާތު ފަންނުތަކުގެ ވީހައި ގިނަ ބައަކު ބައިވެރިވުމަކީ ޕާޓީން ވަަރަށް ބޮޑަށް އުފާކުރާ އަދި މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.
އެގޮތުން ޤާނޫނީ ވަކީލުންގެ 3 ބޭފުޅަކު އެޕާޓީއާއި ގުލިވަޑައިގަތުމަކީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށާއި 3 ވަކީލުންނަށްވެސް ޕާޓީ އާއި ޤާސިމް އިބްރާހީމްގެ ނަންފުޅުގައި ޝުކުރު އަދާކުރައްވާ ކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.
"މިއަދު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތީ އަލްއުސްތާޛް ނޫރުއްސަލާމް، އަލްއުސްތާޛް ޢަލީ ޢަބްދުއްލަޠީފް އަދި އަލްއުސްތާޛް ވަލީދު އިބްރާހީމް މަނިކު"
ރިޔާޟް ވިދާޅުވީ ޖުމްހޫރީ ޕާޓީންވެސް އަދި ޕާޓީގެ ލީޑަރު ވެސް ދެކަވަޑައިގަންނަވަނީ ހުރިހާ ކަންކަން ވެސް ހިންގަންޖެހޭނީ އުޞޫލުތަކާއި އިންސާފުން ކަމަށް ކަމަށެވެ. އެހެންކަމުން ޕާޓީގެ ހުރިހާ ގުނަވަންތަކުން މަސައްކަތްކުރަމުން ގެންދަނީ އެ ވިސްނުމުގައި ކަމަށެވެ.
ރިޔާޟް ވިދާޅުވީ 3 ވަކީލުން ޖޭޕީ އާއި ގުޅިވަޑައިގަތުމުން އެނގިގެންދަނީ ވަކި ގޮތެއްގައި ނުނިންމައި ތިބި ގިނަ ބައަކު ޖުމްހޫރީ ޕާޓީ އާއި ގުޅޭނެކަން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ސިޔާސީ މައިދާނުގައި ކުރިއަށް ދާން ޝައުޤުވެރިވާ ފަރާތްތަކަށް އެންމެ ބޮޑަށް ފުރުޞަތުހުޅުވާލެވިފައިވާ ޕްލެޓްފޯމްކަން މިފުރުޞަތުގައިވެސް ފާހަގަކުރައްވާ ކަމަށެވެ.
"ޕާޓީގެ ލީޑަރު މިވަގުތު އަޅުގަނޑުމެންނާއެކު ނެތް ނަމަވެސް އެމަނިކުފާނުގެ ހިތާ ރޫޙް ވަނީ ޕާޓީ އާ އަދި ދިވެހި ރައްޔިތުންނާއެކު. ޚާއްޞަކޮށް އުޞޫލުން ބޭރުން ކަންތައްތަކެއް ކޮށް ގިނަ ބައަކު ޖަލަށްލާފައިވާ މިފަދަ އަނިޔާވެރި ވަގުތެއްގައި މިކަންކަމުގައި ހަރަކާތްތެރިވެވަޑައިގެންނެވިދާނެ ބޭފުޅުން ތިއައީ. ލީޑަރު ޤާސިމް އިބްރާހީމްގެ މައްސަލައިގައިވެސް. އަދި އެހެން ލީޑަރުންެގެ މައްސަލަތަކުގައިވެސް. އަދި މަޖިލިސް މެންބަރުންތަކުގެ ދިފާއުގައިވެސް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅުން ތިއައީ."
ރިޔާޟް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ޤަނޫނީ އިމުގެ ެތެރެއިން ކަންކަން ކުރާށާއި ކުރިއަށް ދާން ބޭނުންވާ ޕާޓީއަކަށްވާއިރު އެކަންކަމަށް އިތުރަށް މަގުދައްކައިދޭނެ ފަރާތްތައް ޕާޓީއާއި ގުޅެމުން ދިއުމަކީ ޕާޓީން އެދޭ އެދުމެއް ކަމަށެވެ.
ރިޔާޟް ވިދާޅުވީ ސިޔަސީ ގޮތުން ބުރަދަން ހުރި އިތުރު ބޭފުޅުން ވަަރަށް އަވަހަށް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއަދުވެސް ރިޔާޟް ވަނީ އެންމެން ގުޅިގެން ޤައުމުގެ ކަންކަން އިސްލާޙްކުރުމަށް ކުރާ މަސައްކަތްތައް އިތުރު ކުރުމަށާއި އެ މަސައްކަތްތައް އިތުރު ކުރުމަށް ގޮވާލައްވައިފައެވެ.