ތޫފާން އޯޗީގައި ގެއްލުނު ސްރީލަންކާއާއި އިންޑިއާގެ މަސްބޯޓުތައް ހޯދުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތުގައި ކަނޑުދަތުރުފަތުރާ އުޅަނދުފަހަރުތަކުން ދަތުރުކުރާ ދަތުރުވެރިންގެ އެހީތެރިކަމަށް އެމްއެންޑީއެފްއިން އެދެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު މި ސަރަހައްދުގައި އުފެދުނު ތޫފާނު އޯޗީގެ ސަބަބުން ސްރީލަންކާއާއި އިންޑިއާގެ ވަރަށް ގިނަ މަސްވެރިންތަކެއް ގެއްލިފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާކަމަށާއި އެ ތޫފާނުގައި ގެއްލުނު އުޅަނދުތަކާއި މީހުން ހޯދުމަށް ސްރީލަންކާއާއި އިންޑިއާއާއި ދިވެހިރާއްޖޭގެ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ.
ސްރީލަންކާއާއި އިންޑިއާގެ މަސްވެރިންނަށް މި ދިމާވި ހިތާމަވެރި ހާދިސާގައި މި އުޅަނދުތަކާއި މީހުން ހޯދުމަށްޓަކައި ރާއްޖޭގެ އުތުރާއި، އިރުމަތި އަދި އިރުއުތުރާ، ހުޅަނގުއުތުރަށް ދަތުރުކުރާ އުޅަނދުތަކާއި މަސްވެރި އުޅަނދުތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން އެދިފައިވެއެވެ.
މި ގޮތުން މަސްވެރި އުޅަނދުތަކުން ކުރާ ދަތުރުތަކުގައި ޚާއްޞަ ސަމާލުކަމެއް ދީ، އެއްވެސް އުޅަނދެއް އަޑިއަށް ގޮސްގެންނާއި އަދި މިފަދަ އުޅަނދެއްގެ އެއްވެސް ބައެއް އޮޔާ ދަތުރުކުރާތަން ފެނިއްޖެނަމަ އެ ފެނުނު ޕޮޝިޒަނާއި އެ ފެނުނު އެއްޗެއްގެ މައުލޫމާތު ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުއްވާ މައުލޫމާތު ދިނުމަށް އެމްއެންޑީއެފްއިން އެދިފައިވެއެވެ.