ވަކި މީހަކު ހިމާޔަތްކުރަން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކުރުމަކީ ޤައުމުގައި ދެން ތިބި ހުރިހާ ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތުން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފައިޞަލް މިއަދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މަސްއޫލިއްޔަތަކަސްވާންޖެހޭނީ ޤައުމުގެ ހުރިހާ ރައްޔިތުންނަށް އެއް އުޞޫލަކުން ހިމާޔަތާއި ރައްކައުތެރިކަން ދިނުން ކަމަށެވެ. އަދި މުއައްސަސާތަކުން އަމަލުކުރަންޖެހޭނީ ހުރިހާ ރައްޔިތުންނާއިމެދުވެސް ހަމަހަމަ އުޞޫލުތަކުން ކަމަށެވެ.
ފައިޞަލް ވިދާޅުވީ ބުރާސްފަތި ދުވަހު ކޯޓުން މިނިވަންކުރި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން، އިތުރު އެއްވެސް ކުށެއް ކުރެއްވުމަކާއި ނުލައި މިއަދު އަލުން ހައްޔަރުކުރުމަކީ ޤަބޫލުފުޅު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
ފައިޞަލް ވިދާޅުވީ މިކަންކަމަކީ ރައްޔިތުން އެއްވެސް ވަރަކަށް ބަލައިގަންނަން ބޭނުންވާ ކަންކަން ނޫން ކަމަށާއި މަޖިލިސް ހުޅުވި ހިނގަން ފެށުމުން އިޞްލާޙީ މަސައްކަތްތައް ކުރިއަށް ގެންދަން މެންބަރުން މަސައްކަތްކުރާނެ ކަމަށެވެ.