ޖުމްހޫރީ ޕާޓީގެ އިދާރާ މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރި ޤަރާރުގައި ބުނެފައިވަނީ ޝަރީއަތްކުރުމުގެ ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށް ޝަރީއަތްތައް ހިންގައި ބަންދުގައި ބައިތިއްބާފައިވާ 9 މީހުން މިނިވަން ކުރުމަށް ސްޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކުރުވުމަށް ސަރުކާރަށް ބާރުއެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ހުރިހާ މެންބަރުންވެސް ވިދާޅުވީ ސްޕްރީމް ކޯޓުން ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް އަމުރުކުރުމުން އެކަން ނުކުރަން ބަހަނާ ދެއްކުމަކީ އެއްވެސް ފަރާތަކަށް ލިބިގެންވާ ޙައްޤެއް ނޫން ކަމަށެވެ. އެހެންކަމުން ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރަން ސަރުކާރަށްވެސް އެއްވެސް ބަހަނާއެއް ދެއްކިގެން ނުވާނެ ކަމަށެވެ.
މިކަމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންޕޭނުތައް ކުރުމަށްވެސް ބައެއް މެންބަރުން ވަނީ ހުށަހަޅުއްވައިފައެވެ.