ރާއްޖޭގައި މިވަގުތު އިޢުލާން ކުރެވިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން ސިފައިންނާއި ބެހޭގޮތުން މީސް މީޑިއާގައި، ފަތުރަމުން ދަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތައް ކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަންގައިފިއެވެ.
އެމްއެންޑީއެފް އިން މިރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ރައްޔިތުންގެ ހިތުގައި ދިވެހި އަސްކަރިއްޔާއަށް އޮތް އިތުބާރު ގެއްލޭފަދަ ގޮތަށާއި، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭފަދަ ގޮތްގޮތަށް ވަކިވަކި ފަރުދުންނަށް ނިސްބަތްކޮށް އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތު ފަތުރަމުންދާކަން ވެސް ފާހަގަކުރާ ކަމަށާއި އެފަދަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް ނަސޭޙަތްތެރިވެ އިލްތިމާސް ކުރާ ކަމަށެވެ.
ޤައުމުގެ އަމަންކަމާއު ސުލްޙަ މަސަލަސްކަން ޤާއިމްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލާޒިމްކުރާ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަންމަތީ އޮންނާނެކަމުގެ ޔަޤީންކަން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެމްއެންޑީއެފް ގެ ބަޔާނުގައި ވެއެވެ.