ފުލުހުންގެ މައްޗަށް މިހާރުކުރަމުން ގެންދާ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންވާން ބޭނުން ނުވާތީ ވަޒީފާއިން ވަކިވުމަށް ނިންމައި ބައެއް ފުލުހުން މިހާރު ވަނީ ފޯމް ހުށަހަލާފައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޚްލޫފް ވިދާޅުވެއްޖެއެވެ.
މަޚްލޫފް މިއަދު ވިދާޅުވީ ޣައިރުޤާނޫނީ އަމުރުތަކަށް ކިޔަމަން ނުވުމަށްޓަކައި ވަޒީފާ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެ ކަމަށް ބައެއް ފުލުހުން އޭނާ ގާތު ވިދާޅުވެފައިވާ ކަމަށެވެ. އަދި ވަޒީފާއިން ވަކިކޮށްދިނީމާ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކުން އެފުލުހުން ފެންނާނެ ކަމަށެވެ.
ފުލުހުންނާއި ސިފައިންގެތެރޭގައި އެމީހުންގެ މައްޗަށް މިހާރު ކުރަމުން ގެންދާ އަމުރުތަކަށް ކިޔަމަން ވާން ބޭނުން ނުވާ ބައަކު ނެތް ކަމަށް ބުނަމުން ގެންދިއަ ނަމަވެސް އެމީހުންގެ މައްޗަށް ކުރެވޭ ޣައިރު ޤާނޫނީ އަމުރުތަކަށް އަމަލުކުރަން ބޭނުން ނުވާ ގިނަ ބައަކު ތިބި ކަމަށް އަންނަނީ މައުލޫމާތު ފެތުރެމުންނެވެ. އަދި އެކަމުގެ ބައެއް ހެކިތައްވެސް ދަނީ ފެންނަމުންނެވެ.