ރާއްޖެއަށް ފިޔަވަޅުއަޅަން ސަރުކާރުން ފުރުޞަތުދެމުން ގެންދަނީ ހަމަ ޤައުމު ދެކެ ލޯބިވާތީތޯ ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ސުވާލު އުފައްދަވައިފިއެވެ.
ފައިޞަލް މިރޭ ވިދާޅުވީ ސްޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރު ތަންފީޒުކުރަން އީޔޫ އާއި ދުނިޔޭގެ ހުރިހާ ފަރާތްތަކުން ގޮވާލަމުން ގެންދަނީ އެ އަމުރަށް ފަހުން ބަދަލުތަކެއް ގެނައިކަން ނުއެނގިތިބެ ނޫން ކަމަށާއި ގެނައިކަމަށް އެބުނާ ބަދަލު ދުނިޔެއިން ބަލައި ނުގަންނާތީ ކަމަށެވެ.
"ސްޕްރީމް ކޯޓުގެ ބެންޗް އެކުލެވިގެންވާންޖެހޭނެ ގޮތް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފަ. އެކަން އޮތް ގޮތް ވެސް ދުނިޔެއަށް އެނގޭ. އީޔޫއަށްވެސް އެނގޭ. އެނގޭތީ އެގޮތާ ޚިލާފަށް ނިންމާ ނިންމުންތައް ދުނިޔެއިން ބަލައި ނުގަންނަނީ. 5 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމި ނިންމުން ތަންފީޒުކުރަން އެބުނަނީ ރާއްޖޭގެ ޤާނޫނު އަސާސީ ވަރަށް ރަނގަޅަށް އެނގޭތީ."
ފައިޞަލް ވިދާޅުވީ ޤައުމުތަކުން ޤައުމެއްގެ ކަންކަމުގެ ތެރެއަށް ވަނުމަކީ ހަމަ ތިބެފައި ކުރާ ކަމެއް ނޫން ކަމަށާއި ވަންނަނީ ނުވަދެ މަޑުން އޮވެގެން ވާންނެތުމުން ކަމަށެވެ. އެހެންވީ ޤައުމު ދެކެ ލޯބިވާނަމަ ކުރަންޖެހޭނެ ކަމަކީ އެހެން ޤައުމުތަކުން ދައްކާ ވާހަކަތައް އަޑުއެހުން ކަމަށެވެ.