ސަލްމާން ރަސްގެފާނުގެ އަންހެން ދަރިކަނބަލުން ހައްޔަރު ކުރުމަށް ފްރާންސުން އަމުރު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 54ސ
ސަލްމާން ރަސްގެފާނުގެ އަންހެން ދަރިކަނބަލުން ހައްޔަރު ކުރުމަށް ފްރާންސުން އަމުރު ކޮށްފި
ސައުދީ އަރަބިއާގެ ސަލްމާން ރަސްގެފާނުގެ އަންހެން ދަރިކަނބަލުން، ޙައްސާ ބިންތު ސަލްމާން، ހައްޔަރު ކުރުމަށް ފްރާންސް ގެ ކޯޓަކުން އަމުރު ކޮށްފިއެވެ.

މީޑިއާ ރިޕޯޓުތަކުން މިދިޔަ ބުރާސްފަތި ދުވަހު ހާމަވާ ކޮށްފައިވާ ގޮތުގައި، އަމީރާ ޙައްސާ ހައްޔަރު ކުރަން ފްރާންސް އިން އަމުރު ކޮށްފައިވަނީ ޕެރިހުގައި އޭނާ އުޅުނު އެޕާޓްމެންޓުގައި މަސައްކަތް ކުރި މީހަކަށް ހަމަލާދީ މާރާމާރީ ހިންގުމަށް އޭނާގެ ބޮޑީގާޑަށް އަމުރު ކުރުމުންނެވެ. އެހާދިސާ ހިނގާފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އަމީރާ ހައްސާ ހައްޔަރު ކުރަން ފްރާންސް އިން އަމުރު ނެރެފައިވާއިރު، ސައުދީ ރަސްގެފާނުކަމުގެ ތަހުތައް އައްޔަނުކުރުމަށް ކަނޑައެޅިފައިވާ އަމީރު މުޙައްމަދު ބިން ސަލްމާން އަންނަ ހަފްތާގެ ތެރޭގައި ޕެރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިމައްސަލައިގެ ސަބަބުން، އަމީރު މުޙައްމަދު އާއިއެކު އެކުވެރިކަމުގެ ގުޅުމެއް ދެމެހެއްޓޭނެ ކަމާއިމެދު ފްރާންސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަމީރާ ހައްސާ ހަމަލާދިން މަސައްކަތު މީހާ ބުނިގޮތުގައި، އޭނާ އެއެޕާޓްމަންޓަށް ގެންދެވުނީ އެއެޕާޓްމެންޓް ރީތިގޮތަކަށް ފަރުމާކޮށް ޒީނަތްތެރި ކުރުމަށެވެ. ނަމަވެސް މަސައްކަތްކޮށް ނިމުމުން، ކުރެވުނު މަސައްކަތުގެ ފޮޓޯއެއް ނެގުމުން އަމީރާ ޙައްސާ ރުޅިއައި ކަމަށާއި، މަސައްކަތު މީހާ އެފޮޓޯތައް ނެގީ މީޑިއާގައި އާންމު ކުރުމަށް ކަމަށް ބުނެ ތުހުމަތުކޮށް، އޭނާ ގައިގާ ތަޅައިގަތުމަށް ބޮޑީގާޑަށް އަމުރުކުރި ކަމަށް އެމީހާ ބަޔާން ދީފައިވެއެވެ.

"އޭނާ މަރާލާ، އޭނާ ދިރިހުރުން ހައްގެއް ނޫން" މިހެން ބުނެ ސަލްމާން ރަސްގެފާނުގެ އަންހެން ދަރިކަނބަލުން ހަޅޭލަވާފައިވާ ކަމަށް ލެ ޕޮއިންޓް މެގަޒިން ގައި ހާމަ ކޮށްފައިވެއެވެ.

މަސައްކަތު މީހާގެ ދެއަތާ ދެފައި ބަނދެފައި، އޭނާގެ މޫނުމަތީގައި ވަރަށް ގިނައިން ތެޅިކަމަށާއި ހައްސާ ގެ ފައިތިލަ ދަށަށް ވެއްޓި ބޮސް ދޭން އޭނާއަށް މަޖުބޫރު ކުރި ކަމަށް ވެސް އެމަސައްކަތު މީހާ ބުނެފައިވެއެވެ.

އޭއެފްޕީ އިން ބުނެފައިވާ ގޮތުގައި އެހަމާގެ ސަބަބުން، މަސައްކަތު މީހާއަށް ގިނަގުނަ ޒަޚަމްތަކެއް ލިބި، އަށް ދުވަސް ވަންދެން އެއްވެސް މަސައްކަތެއް ވެސް ނުކުރެވި ހުއްޓެވެ.


މިއަދު އޮންލައިން