ސައުދުއަށް އިންޒާރުދިން މައްސަލައަކީ ވަގުތުން ތަހުގީގު ކުރަން ޖެހޭ މައްސަލައެއް- ވަކީލު

ކިޔުމަށް ހޭދަވާނީ 1މ 29ސ
ސައުދުއަށް އިންޒާރުދިން މައްސަލައަކީ ވަގުތުން ތަހުގީގު ކުރަން ޖެހޭ މައްސަލައެއް- ވަކީލު
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސެއިން "ކުދި ކުދި" ކޮށްލާނެ ކަމަށް ބުނެ ފާޅުގައި ޕީޕީއެމްގެ އެކްޓިވިސްޓަކު އިންޒާރުދިން މައްސަލައަކީ، ފުލުހުން ވަގުތުން ތަހުގީގު ކުރަން ޖެހޭނެ މައްސަލައެއްކަމަށް ސައުދުގެ ވަކީލު އަލީ ޝާހް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ގއ. ވިލިނގިލީ ގައި ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި ޕީޕީއެމް ގެ އެކްޓިވިސްޓެއް އަދި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ވެސް ކުރަމުންގެންދާ އިބްރާހިމް ރަޝީދު ބުނެފައިވަނީ، ސައުދު ކިރިޔާ ނުސިޔާނު ގޮތަކަށް ބަލާލި ކަމުގައި ވިޔަސް "އޮޓެ އޮޓެ ވިދިވިދި ކެރަންނެއިކަން ހަނދާން ކެރަންނެއިތި" (މާނައަކީ "ކުދި ކުދިކޮށްލާނެކަން ހަނދާން ކުރާތި") ކަމަށެވެ.

މިފަދަ އިންޒާރެއް ދިނުމުން އެމައްސަލަ އަދި މިހާ ތަނަށްވެސް ފުލުހުން ބަލާފައި ނުވާތީ، އެމައްސަލަ ރަސްމީކޮށް ސައުދު އާއިލާގެ ފަރާތުން ނުވަތަ ވަކީލުންގެ ފަރާތުން ވެސް ފުލުހުންނަށް ހުށަހަޅާފައިވޭތޯ "މިއަދުނޫހުން" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަކީލު އަލީ ޝާހް ވިދާޅުވީ މިމައްސަލައަކީ މިހާރުވެސް މައްޝޫރުވެފައިވާ މައްސަލައަކަށްވެފައި ފާޅުކަން ބޮޑު ގޮތަށް އެފަދައިން އިންޒާރު ދިނުމުން ސައުދުގެ އާއިލާގެ ބޭފުޅުންނާއި ވަކީލުން އަދި ސިޔާސީ ޕާޓީތަކުން ވެސް އެމައްސަލަ ބެލުމަށް ގޮވާލާފައިވާއިރު، ފުލުހުން މިހާރުވެސް މިމައްސަލަ ބަލަން ޖެހޭނެ ކަމަށެވެ.

"ވަގުތުން ތަހުގީގު ކުރަން ޖެހޭ މައްސަލައެއް މިމައްސަލައަކީ. މިއީ ސްޓޭޓްގެ ޒިންމާއެއް. ވަކި ބަޔަކު ޝަކުވާ ކޮށްގެން ނުވަތަ މައްސަލަ ވަކިން ހުށަހަޅައިގެނެއް ނޫން މިމައްސަލަ ބަލަން ޖެހޭނީ" އަލީ ޝާހް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ސައުދު ގެ ވަކީލު ވިދާޅުވެފައިވަނީ މިމައްސަލައަކީ ޖިނާއީ ކުށަކަށްވާއިރު، ފުލުހުން މިމައްސަލައިގާ ސީރިއަސްވާ މިންވަރު ބަލަން ތިބިކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބެއެވެ.

މިއަދު އޮންލައިން