ޓްވީޓްގައި ފާޅުކުރީ އުދާސްތައް، ދައުވާއަށް އިންކާރުކުރަން: އަހުމަދު މަހުލޫފު

ކިޔުމަށް ހޭދަވާނީ 1މ 34ސ
ޓްވީޓްގައި ފާޅުކުރީ އުދާސްތައް، ދައުވާއަށް އިންކާރުކުރަން: އަހުމަދު މަހުލޫފު
މާފުށީ ޖަލުގައި ގައިދީން މަރާކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓްގައި ފާޅުުކުރެއްވީ ހިތުގެ އުދާސްތައްކަމަށާއި އެއީ ބަޔަކަށް މައުލޫމާތު ދިނުމަށް ކުރެއްވި ޓްވީޓެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައެވެ. މަހުލޫފު ކުރެއްވި އެ ޓްވީޓާ ގުޅިގެން ދައުލަތުން ވަނީ އޭނާގެ މައްޗަށް ހިނގާފައިނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ދައުވާ އުފުލައިފައެވެ. މިއަދު ކްރިމިނަލް ކޯޓުގައި އޮތީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ އަޑުއެހުމުގައި މަހުލޫފު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިންކާރުކޮށްފައެވެ. މަހުލޫފު ވިދާޅުވީ އެ ދައުވާ އޭނާގެ މައްޗަށް ނުކުރެވޭނެކަމަށާއި އޭނާ ޓްވީޓްގައި ފާޅުކުރީ ޖަލުގައި ގައދީންތަކެއް މަރުވަމުންދާތީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ހިތުގައި އުފެދުނު އުދާސްތައް ކަމަށެވެ.

އެ މައްސަލަ ބައްލަވައި ޤާޒީ ޢަލީ އާދަމް ނިންމާފައިވަނީ އެއީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ޤާޒީ ވަނީ ވަކީލުންނަށް މުއްދަތެއް ދީފައެވެ. ދައުލަތުގެ ވަކީލު ޝަކުރުﷲ ޝަކީލް ދެ ދުވަހުގެ މުއްދަތެއް އެދިވަޑައިގަތުމުން ޤާޒީ ވަނީ ދެ ދުވަހުގެ މުއްދަތު އޭނާއަށް ދީފައެވެ. ދީފާޢީ ވަކީލުން އެދިވަޑައިގަތީ 10 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. އެހެން ނަމަވެސް ޤާޒީ ދެއްވީ ހަފުތާއެއްގެ މުއްދަތެކެވެ.


މިއަދު އޮންލައިން