ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލާން ހުކުމްކުރި މައްސަލައިގެ ރިޕޯޓް ވަކީލުންނަށް ނުލިބިގެން އިސްތިއުނާފް އަޑުއެހުންތައް ނުފެށި އޮއްވާ އެ ރިޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްފި އެވެ.
އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް މައުމޫން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހު އެ މަނިކުފާނު ހައްޔަރުކޮށް، ފުލުހުންގެ ތަހުގީގަށް ފޯނު ދޭން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގައި، އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދަޢުވާ، ދައުލަތުގެ ފަރާތުން ކުރުމުން އެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ.
މައުމޫންގެ ވަކީލުންގެ ޓީމުން ބުނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަދި އިސްތިއުނާފް ޝަރީއަތް ފަށާނެ ދުވަހެއް ހައި ކޯޓުން އަދި ނާންގާ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ނިމެންދެން މައުމޫން މިހާރު ހުންނެވީ މިނިވަން ކޮށްފަ އެވެ. އެމަނިކުފާނު މިނިވަންކުރެއްވީ ކަފާލާތުގެ ދަށުންނެވެ.
އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް މައުމޫންގެ މައްޗަށް ސާބިތުވެފައިވާ އިރު، ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ. ޓެރަރިޒަމްގެ މައްސަލަ ދަށު ކޯޓުން އަދި ނުނިމެ އެވެ.