ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު، ސިފައިންގެ 12 ބޭފުޅަކު، އަދި މަތީ ދަރަޖަ 1 ބޭފުޅަކު ހާސިލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 29ސ
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު، ސިފައިންގެ 12 ބޭފުޅަކު، އަދި މަތީ ދަރަޖަ 1 ބޭފުޅަކު ހާސިލުކުރައްވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި ދައުލަތުން ދެއްވާ ޝަރަފުގެ ބެޖާއި، އައްޑަނަޔާއި، ހަނދާނީ ލިޔުން ސިފައިންގެ 12 ބޭފުޅަކު، އަދި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި ހަނދާނީ ލިޔުން، ސިފައިންގެ 1 ބޭފުޅަކު ހާސިލުކުރައްވައިފިއެވެ.

އެ ބޭފުޅުންނަށް އިނާމު ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނޮވެންބަރު 19ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 12 ބޭފުޅަކު ހާސިލުކުރައްވާފައިވާ އިރު، އެ ބޭފޫޅުންނަކީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދު، ކާނަލް ޢަލީ މަނިކު، ސާޖަންޓް މޭޖަރ މުޙައްމަދު ވަލީދު އަބޫބަކުރު، ސާޖަންޓް މޭޖަރ ޢަބްދުލްޢަޒީޒް އިބްރާހީމް، ފަސްޓް ސާޖަންޓް މުޙައްމަދު ޙަނީފް، ފަސްޓް ސާޖަންޓް މުޙައްމަދު ޞާދިޤް، ސާޖަންޓް ފަސްޓް ކްލާސް ޢަބްދުﷲ ޢަލީ، ސާޖަންޓް ފަސްޓް ކްލާސް އަޙްމަދު ޢަލީ، ސާޖަންޓް ފަސްޓް ކްލާސް ޢާއިޝަތު ޝާރުދާ، ސާޖަންޓް ފަސްޓް ކްލާސް އީނާސް ޙުސައިން، އަދި ސްޓާފް ސާޖަންޓް އިބްރާހީމް މުޙައްމަދެވެ.

މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާ އެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

މި ރަސްމިއްޔާތުގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހާސިލުކުރައްވާފައިވަނީ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޠާހިރެވެ.

މި އިނާމު މި އަހަރު ދީފައި ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ޙާޞިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލުކުރެއްވި 6 ބޭފުޅުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ނުވަތަ ލެވެލް 8ގެ ނޫންނަމަ ލެވެލް 9ގެ ސަނަދެއް ޙާޞިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި 50 ބޭފުޅުންނަށާއި، ބައިނަލްއަޤުވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤުވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ޙާޞިލުކުރެއްވީ އެއްފަރާތަކަށެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން