މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ އެއްވެސް ހެއްކެއް ކޮމިޝަނަށް ހުށަހަޅާފައި ނެތް ކަމަށާއި މައްސަލައެއް އުޅޭ ނަމަ، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއެދިވަޑައިގެންފި އެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ޕީޕީއެމުން ކުރަމުން އަންނަ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި، ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މަގުމަތީގައި މީހުންކޮޅެއް އެއްކޮށްގެން ދައްކާ ވާހަކައަކީ ކަން ކުރަންޖެހޭ އުސޫލު ނޫން ކަމަށެވެ. އަދި ވިދާޅުވީ ނަތީޖާއާ މެދު ރައްޔިތުންގެ ހިތްތަކުގައި މާބޮޑު ސުވާލެއް އުފެދިގެން އުޅޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އިންތިޚާބާ ގުޅޭ މައްސަލަތައް ކޮމިޝަނަށް ހުށަހަޅައިފި ނަމަ، އެކަން ބަލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ނަތީޖާ ބަދަލުވެދާނެ ފަދަ ހެއްކެއް އޭނާއާ ހަމައަށް އަދި އައިސްފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އިންތިޚާބު ބާތިލްކުރުމަށް ގޮވާލައި މުޒާހަރާ ކުރުމުގެ ބަދަލުގައި، އޮންނަ އުސޫލުން ކޯޓަށް ނުވަތަ މުއައްސަސާއަކަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދަން ޖެހެ އެވެ. އަދި ކޮމިޝަންގެ މެމްބަރުން އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ
އެގޮތުން، ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ، އެކަމަށް ކޮމިޝަނުން ޖަވާބުދާރީވާން ތައްޔާރު ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ "ސައިކަލްގައި ދަނިކޮށް" ހުއްޓުވާފައި ޖަވާބުދާރީވާށޭ ބުނީމާ އަދި ޖަވާބުދާރީ ވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.
މީގެ އިތުރަށް ޝަރީފް ވިދާޅުވި ގޮތުގައި، އިންތިޚާބުގެ ކަންކަން ދިޔައީ މިނިވަންކަމާއެކު ކަމަށް ރައްޔިތުންނާއި ބޭރުގެ ފަރާތްތަކާއި އޮބްޒާވަރުން އަދި މީޑިއާއިން ވެސް ވަނީ ގަބޫލުކޮށްފަ އެވެ.
މީގެއިތުރުން، އިންތިޚާބުގައި ބޭނުންކުރި ވޯޓު ފޮއްޓާއި ސިޓީ އުރަ ކަނޑާފައިވާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ދޮގު ކުރައްވައި ޝަރީފް ވިދާޅުވީ އެފަދަ އެއްވެސް އެއްޗެއް ކަނޑާފައި ނުވާނެ ކަމަށާއި އެތަކެތި ހުރީ ސީލްކޮށް ވަރަށް ރައްކާތެރި ކަމާއެކު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ފިޔަވައި ބާކީ ތިއްބެވި ހަތަރު މެމްބަރުން ރާއްޖޭން ބޭރަށް ވަނީ ވަޑައިގެންފަ އެވެ. ޝަރީފް ވިދާޅުވީ އިންތިހާބަށް ފަހު ކޮމިޝަންގެ މެންބަރުން ރާއްޖެއިން ބޭރުގައި ތިއްބެވި ނަމަވެސް، އެބޭފުޅުން ތިއްބެވީ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހިއްޖެ ނަމަ އެކަން ކުރެވޭނެ ހާލަތުގައި ކަމަށެވެ. އަދި ހުރިހާ މެމްބަރުންނާ ފޯނުން ގުޅުއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އީސީން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިބޫ އަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ.