އިތުރު އިންތިޚާބެއް ބާއްވައިފިނަމަ ކޯލިޝަނަށް ލިބޭ ވޯޓު މާ ގިނަވާނެ: އެވިލާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އިތުރު އިންތިޚާބެއް ބާއްވައިފިނަމަ ކޯލިޝަނަށް ލިބޭ ވޯޓު މާ ގިނަވާނެ: އެވިލާ
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ޞާޠިލުކޮށް އިތުރު އިންތިޚާބެއް ބާއްވައިފިނަމަ ނުވަތަ ދެވަނަ ބުރަކަށް ވޯޓުލާން ޖައްސައިފިނަމަ ކޯލިޝަނަށް ލިބޭ ވޯޓު މާ ބޮޑުތަނުންވެސް ގިނަވާނެ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން (އެވިލާ) ވިދާޅުވެއްޖެއެވެ.

އިބްރާހީމް ޙަސަން ވިދާޅުވީ ސެޕްޓެމްބަރު 23 ގައި ރއްޔިތުން ވޯޓުލީ އިރު ގިނަ ބައަކު ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ވަރަށް ބޮޑެތި ކަންބޮޑުވުންތައް ވެސް ހުރި ކަމަށެވެ. "ރައްޔިތުންގެ ބައަކަށް ހީވެފައި އޮތީ ގިނަ މީހުން ތާއީދުކޮށް ވޯޓުލާނީ ރައީސް ޔާމީނަސް ކަމަށް. ހޮވިވަޑައިގަންނަވާނީ ރައީސް ޔާމީނު ކަމަށް، ބޮޑުފަޅި މިއޮތީއޭ ކިޔައި ރައްޔިތުންނަށް އޮޅުވާލަމުން ގެންދިއައިމަ ރައްޔިތުންގެ ބައަކު ޝައްކެއްގަ ތިބީ. އެކަމަކު ވޯޓުގެ ނަތީޖާ ފެނުނީމަ މިހާރު ރައްޔިތުންނަށް ވަނީ ބޮޑު ފަޅި ވަރަށް ރަނގަޅަށް ފެނިފަ. ވީމާ ރައީސް ޔާމީނަށް ވޯޓުލީ މީހުންގެ ތެރެއިން ވަރަށް ގިނަ ބައަކު ދެން ވޯޓުލާނީ އިބްރާހީމް މުޙައްމަދު ޞާލިޙަށް." އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

"ހަމަ އެކަނި ބެހި ފައިސާތަކެއް ނޫން. ވަޒީފާގެ ބިރު އެންމެ ބޮޑު މައްސަލައަކަށްވީ. ނަމަވެސް އެބިރުތައް މިހާރު މިއޮތީ ފިލައިފަ. ރައްޔިތުން މިތިބީ އަލުވެތިކަމުގެ ކަސްތޮޅުން މިނިވަންވެފަ. ރައީސް ޔާމީނަކީ ދުވަހަކުވެސް އަމިއްލަފުޅަށް ނުކުމެ ވަޑައިގެން އެއްވެސް އިންތިޚާބެއް ޚާމިޔާބު ކުރެއްވުނު ބޭފުޅެއް ނޫން."

އިބްރާހީމް ޙަސަން ވިދާޅުވީ ޕީޕީއެމުން "ތެޅިފޮޅެމުންދަނީ" މިސަރުކާރުގައި ހިންގަމުން ގެންދިއަ ކޮރަޕްޝަނާއި ފަސާދައަށް އަދި ވައްކަން ކުރުމަށް އަދިވެސް ފުރުޞަތު ހޯދަން ކަމަށާއި ނަމަވެސް ރައްޔިތުން ތިބީ އެކަން ކަމަށް އިތުރު އެއްވެސް ފުރުޞަތެއް ދޭގޮތަށް ނޫން ކަމަށެވެ. "އެހެންވީމާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބަކުން ބަލިކުރެވޭނެ އެއްވެސް ގޮތެއް ﷲ އިރާދަ ކުރެއްވިއްޔާ މިހާރަކު ނެތް."

އިބްރާހީމް ޙަސަން ވިދާޅުވީ 23 ސެޕްޓެމްބަރުގައި ވޯޓުލީއިރު 4 ލީޑަރުން ވެސް ތިއްބެވީ ޖަލުގައި ނުވަތަ އެހެންވެސް ތަނެއްގައި ކޮންމެވެސް ބަންދެއްގައި ކަމަށެވެ.

އިބްރާހީމް ހަސަން ވިދާޅުވީ ކޮކްޓޭލް ސަރުކާރަކީ ކޮބައިކަން މިހާރު އެނގިފައިވާ ކަމަށެވެ. "ކޮކްޓޭލްވެގެން ދިއަވަރުން ސަރުކާރުގެ މުއައްސަސަތަކަށް އިތުބާރެއް ނުކުރޭ. މުއައްސަސާތަކުން ތަމްރީނުކުރާ މުވައްޒިފުން ކުރާ މަސައްކަތަށް ވެސް އިތުބާރެއް ނުކުރޭ." އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
މިއަދު އޮންލައިން