ހުޅުމާލޭ 2 ވަނަ ފިޔަވަހިން މާލޭ ރައްވެހިންނަށް 400 ގޯތި ދޫކުރުމަށްޓަކައި މިއަދު ފޯމު ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މީޑިއާގެ ހާޒިރުގައި ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ގޯއްޗެއްގެ ބޮޑު މިނަކީ 1000 އަކަފޫޓު ކަމަށާއި ގޯއްޗެއްގެ އަގަކީ އެންމެ 40000 (ހަތަރު ލައްކަ) ރުފިޔާ ކަމަށެވެ. އެއްފަހަރާ ވެސް ފައިސާ ދެއްކޭނެ ކަމަށާއި 25000 ރުފިޔާ ދެއްކުމަށަފަހު 10 އަހަރަށް ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ ކަމަށެވެ.
ޑރ. މުޢިއްޒު ވިދާލުވީ މިއަދު ހަވީރު 4.30 އިން ފެށިގެން އިރު އޮއްސި 6.00 އަށް އަދި މިރޭ ވެސް ފޯމް ދޫކުރާނެ ކަމަށާއި މާދަމާ ފޯމު ދޫކުރާނެ ގަޑިތައް އިއުލާނުކުރާނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ފޯމު ބަލައި ގަތުމަށްފަހު 1 ދުވަސް މެދަށް ދޫކޮށް ފޯމު ހުށަހެޅި އެންމެންގެ މެދުގައި ގުރުއަތުލައި ހޮވޭ 400 ފަރާތަކަށް ގޯތި ދޫކުރާނެ ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ފޯމު ހުށަހެޅޭނީ އުމުރުން 18 އަހަރުވެފައިވާ އަދި ކައިވެނިކޮށްގެން އުޅޭ މީހަކަށް ކަމަށެވެ. އަދި އެމީހަކަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައި ނުވުމާއި މާލޭގެ ރަށްވެއްސަކަށްވުން ނުވަތަ ދަފްތަރުގައި ޖެހިފައިވާ މީހަކަށްވުން ކަމަށެވެ.