ގޯތި ވިއްކަނީ ކަމަށް ބުނެ ރައްޔިތުންނަށް ފުރައްސާރަ ނުކުރުމަށް މާރިޔާ، ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒަށް ގޮވާލައްވައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ ވިދާޅުވީ ހައުސުންގ މިނިސްޓްރީން މިއަދު 400 ގޯތި ހުޅުމާލޭ ދެވަނަ ފިޔަވަހިން 400000 ރުފިޔާއަށް ގޯއްޗެއްގެ އަގުން ވިއްކަން އިއުލާނުކުރި ކުރުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ ހައުސިންގ މިނިސްޓްރީގެ މިނިންމުމާއި ގުޅިގެން ކޯލިޝަނުގެ ފަރާތުން މިހާރު ވަނީ އޭސީސީ އަށް ގޮސްފައި ކަމަށާއި ބައްދަލުވުމަށްފަހު އަސްލަމް އިތުރު ތަފްޞީލު ދެއްވަވާނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ އެބިމަކީ ކުއްލިއަކަށް މިއަދު ހިކުނު ބިމެއް ނޫން ކަމަށާއި އެބިން އޮނަނަތާ އަހަރުތަކެއް ފާއިތުވެއްޖެ ކަމަށެވެ. އެހެނަކަމުން ވެރިކަން ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ފެށި ކުރިއަށްދާ މިފަދަ ވަގުތެއްގައި ކުއްލިއަކަށް ކުޑަ އަގެއްގައި 400 ގޯތި ވިއްކަން އިއުލާނުކުރުމުން ވަރަށް ގިނަ ސުވާލުތަކެއް އުފެދޭ ކަމަށެވެ.