ހުޅުމާލެ ދެވަނަ ފިޔަވަތިން ކުއްލި ގޮތަކަށް ގޯތި ވިއްކަން ހައުސިން މިނިސްޓްރީން މިއަދު އިއުލާނު ކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފިއެވެ.
މީގެއިރުކޮޅެއް ކުރިން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަތިން 400 އަކަފޫޓުގެ ބިމެއް، އަކަފޫޓެއް 400ރ. ގެ ރޭޓުން މާލޭ ރައްވެހިންނަށް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
އޭސީސީ ގެ ރައީސް ހަސަން ލުތުފީ މިއަދު އޮންލައިން ނޫހަކަށް މިއަދު ވިދާޅުވެފައިވަނީ ކުއްލި ގޮތަކަށް ގޯތި ވިއްކަން އިއުލާން ކުރުމާއި ގުޅިގެން އޭސީސީން އެމައްސަލަ ބަލަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ކަމާބެހޭ ބޭފުޅުންނާއެކު ތިކަމާ މަޝްވަރާ ކުރަމުން. އިންތިގާލީ ޑީޖީ އަހުމަދު ލަތީފާއި ސަރުކާރުގެ ކަމާބެހޭ ބޭފުޅުންނާއެކު މަޝްވަރާ ކުރުމަށްފަހު ވަކި އެއްޗެއް ދަންނަވަން އިނގޭނީ" ލުތުފީ ވިދާޅުވެފައިވެއެވެ.
ހުލުމާލެއިން ކުއްލި ގޮތަކަށް ގޯތި ދޫކުރުމަށް ނިންމާފައިވުން އޭސީސީ އިން ބެލުމަށް ނިންމާފައިވަނިކޮށް، މިކަމާމެު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމު މީގެ އިރުކޮޅެއް ކުުރިން ވިދާޅުވީ ހުޅުމާލޭގެ އެބިމަކީ އެޗްޑީސީ ގެ މިލްކުވެރިކަމުގައި ހުންނަ ތަންތަން ކަމަށާއި އެތަންތަން ވިއްކުމާއި އެތަންތަން ތަރައްގީ ކުރުމުގެ ބޮޑު ދައުރެއް އޮންނާނީ އެޗްޑީސީގެ ކަމަށެވެ.
އެބިންތައް ސަރުކާރުން ވިއްކުމަށް މަސައްކަތް ކުރެއްވުމުން، އެޗްޑީސީގެ ބޯޑުން އެކަން ކުރިއަށް ނުގެންދެވި ކަމަށް ވިދާޅުވަމުން އަސްލަމް ވިދާޅުވީ އެއްވެސް އާކަމެއް ސަރުކާރު ބަދަލު ކުރުމުގެ މިމަރުހަލާގެ ތެރޭގައި ކުރިއަށް ނުގެންދަވަން ވެސް އެޗްޑީސީ އިން ނިންމެވި ކަމަށެވެ.
"އަޅުގަނޑުމެންނަށް މިގަބޫލު ކުރެވެނީ އެޗްޑީސީ ތެރެއިންލާފަ އެކަން ނުކުރެވުނީމަ ކުއްލިއަކަށް މުއިއްޒު މިމަރުހަލާގެ ތެރޭގައި ކޮންމެވެސް ބަޔަކަށް (އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ބަޔަކަށް) ބިންތަކެއް ހުޅުމާލެއިން ދިނުމަށްޓަކައި ކުރެއްވި ކަމަކޭ މިކަމަކީ" ކުރީގެ ހައުސިން މިނިސްތަރު ވިދާޅުވިއެވެ.