ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިއަސް ގެންދާ ސިލްސިލާ މުޒާހަރާތައް ހުއްޓާނުލައިފިނަމަ އެޕާޓީއާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.
ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާ އީސީއިން އޮޅުވާލާފައިވާ ކަމަށް ބުނެ އެޕާޓީއިން ކޮންމެ ރެއަކު ބާއްވަމުން ގެންދާ އެމުޒާހަރާ ކުރިއަށް ގެންދަނީ އެއްވުން މަނާ ސަރަހައްދެއްގައެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ފެތުރުމަށް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބަޔަކު މުޒާހަރާ ކުރަމުންދަނީ އެޕާޓީއިން އިންތިޒާމްކޮށްގެންތޯ ބެލުމަށް ޕީޕީއެމް އަށް ސިޓީއެއް ފޮނުވާނެ ކަމަށެވެ.
އީސީގެ ރައީސް ވިދާޅުވި ގޮތުގައި އެމުޒާހަރާއަކީ ޕީޕީއެމް އިން އިންތިޒާމް ކޮށްގެން ކުރާ ކަމަކަށްވާނަމަ އެއީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފު ކަމެއް ކަމަށައި އެހެންކަމުން އެކަން ހުއްޓާލުމަށް އަންގާ ކަމަށެވެ.
ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރަމުންގެންދާ ސިލްސިލާ މުޒާހަރާތަކަކީ ޕީޕީއެމް އިން އިންތިޒާމް ކުރާ ކަމެއް ނޫން ކަމުގައިވީ ނަމަވެސް، އެއޮފީސް ކުރިމަތީގައި އެމުޒާހަރާ ނުކުރުމަށް އެބަޔަކަށް އެންގުމަށް ޕީޕީއެމް އަށް އަންގާފައިވާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. އަދި އެފަދަ ކަންކަން ހުއްޓާނުލާ ތަކުރާރު ކުރާނަމަ ޕީޕީއެމް އާއިމެދު ފިޔަވަޅު އެޅުމަށް ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.