ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް ނިންމާފައިވާކަމަށް މިއަދު ހައުސިން މިނިސްޓްރީން އިއުލާނު ކުރުމާ ގުޅިގެން، އެކަން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމިނިސްޓްރީ އަށް އަންގައިފިއެވެ.
އޭސީސީ އިން މިފަދައިން އަންގާފައިވާއިރު، ގޯތި ގަތުމަށް ހައުސިން މިނިސްޓްރީ ގައި ދިގު ކިޔުއެއް ހަދާފައިވެއެވެ. ފޯމު ދޫކުރުމަށް އެމިނިސްޓްރީން ހަމަޖައްސާފައިވަނީ މިއަދު ހަވީރު 16:30 އިން ފެށިގެންނެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ސޮއި ކުރައްވާ ހައުސިން މިނިސްޓްރީއަށް މީގެ ކުޑައިރުކޮޅެއް ކުރިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ހުޅުމާލެއިން ގޯތި ވިއްކަން ހުޅުވާލި ކަންތަކުގައި ޤާނޫނީ ފުށުއެރުންތަކެއް ހުރުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހުރި ކަމަށް ބެލެވޭތީ އެމައްސަލަ ބަލައި ނިންމާ ވަކި އެއްޗެއް އަންގަންދެން ގޯތި ވިއްކުން މަޑުޖައްސާލަން އަންގާ ކަމަށެވެ.