ހިސާން ހުށަހެޅި ބިލަކީ އިސްލާމްދީނާ ދެކޮޅަށް ފާޅުގަ ވާހަކަދައްކަން ހުޅުވައިދެވޭ ޤާނޫނީ ދޮރެއް!: ޖުމްހޫރީ ޕާޓީ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 8މ 24ސ
ހިސާން ހުށަހެޅި ބިލަކީ އިސްލާމްދީނާ ދެކޮޅަށް ފާޅުގަ ވާހަކަދައްކަން ހުޅުވައިދެވޭ ޤާނޫނީ ދޮރެއް!: ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީ ދެކޭ ގޮތުގައި އިސްލާމް ދީނާދެކޮޅަށް ވާހަކަދައްކައި ކަންކުރާ މީހުންނަށް އެމީހުންނަކީ އިސްލާމް ދީނާ ދެކޮޅު މީހުންކަމަށް ބުނުމުން ކުށްވެރިވާ ބިލު ރައްޔިތުންގެ މިޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ގޮތަށް އެމަފްހޫމްގައި ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވައިފި ނަމަ، ރައްޔިތުންގެ މަޖިލީހާއި އަދި އެނޫންވެސް ތަންތަނުގައި ﷲ ތަޢާލާގެ ހަޟްރަތާށާއި އެކަލާންގެ ރަސޫލާ صلى الله عليه وسلم  އަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް އެ ހުޅުވާދެވުނީ އެކަން ކުރުމަށް ހުޅުވައިދެވޭ ޤާނޫނީ ދޮރަކަށް ކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓިން ބިހެން ބުނެފައިވަނީ އެޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

 

ޖުމްހޫރީ ޕާޓީގެ ނޫސްބަޔާން:  

بسم الله الرّحمان الرّحيم

 

ޖުމްހޫރީ ޕާޓީ                         Republican Party

                             JP-NB/2021/10/03

 

ނޫސް ބަޔާން

 

(ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް... ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ނަފްރަތުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙު ތަކާމެދު މިޕާޓީން ދެކޭގޮތް

 

މުސްލިމަކާއި ދިމާއަށް އެއްވެސް މީހަކު އޭނާއަކީ ކާފިރެކޭ ބުނުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އަދި އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވާ އެއްވެސް މުސްލިމަކު ކޮށްގެންވާނެ އަދި ކުރާނެ ކަމެއްވެސް ނޫނެވެ.

ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ މީހަކު މުސްލިމަކަށްވަނީ އެމީހަކަށް ކިޔާ ނަމަކުން ނޫންކަމެވެ. މުސްލިމުންނަށް ކިޔާ ނަމެއް ކިޔާ ހަމަ ކޮންމެ މީހަކީ މުސްލިމެއް ނޫނެވެ. މުސްލިމަކަށްވާނީ ﷲ ތަޢާލާގެ އެއްކައުވަންތަ ކަމަށާއި މުޙައްމަދު صلى الله عليه وسلم ގެފާނީ އެކަލާންގެ ރަސޫލާކަމަށް ޤަބޫލުކޮށް އެކަމަށް ހެކިވުމުންނެވެ. އަދި ހަމަކޮންމެ މުސްލިމަކުމެ ކީރިތި ޤުރުއާން އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤަބޫލުކޮށް ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ފުރިހަމައަށް ތަބާވާންޖެހެއެވެ.

ސުވާލަކީ މުސްލިމަކު ﷲ ތަޢާލާގެ ޙަޟްރަތަށާއި އެކަލާންގެ ރަސޫލާ صلى الله عليه وسلم އަށް މަލާމާތާއި ފުރައްސާރަ ކުރާނެ ހެއްޔެވެ؟ ކީރިތި ޤުރުއާނަށް ކުޑައިމީސްބަސް ބުނާނެ ހެއްޔެވެ؟ އިސްލަމް ދީނުގެ ޚުކުމްފުޅުތަކަށް ގޮންޖަހާނެ ހެއްޔެވެ؟ އިސްލާމް ދީނުގެ ވާޖިބުތަކަށް ދެކޮޅުހަދައި ނަހީކުރައްވާފައިވާ ކަންކަން ކުރުމަށް ހިތްވަރުދީ ހަދާނެ ހެއްޔެވެ؟

މުސްލިމަކަށް އޮޅުމެއްގެ ތެރެއިން ނުބައި ބަހެއް ބުނެވިދާނެއެވެ. ނަމަވެސް މުސްލިމަކީ އެފަދަ ނުބައި ބަސްތައް ތަކުރާރު ކުރާނޭ މީހެއް ނޫނެވެ. ބުނާ ބަހުން އިތުރު މާނަތައް ދޭހަވާގޮތަށް ދީނުގެ ވާހަކަތައް ދައްކައި ދީނުގެކަންކަމަށް އޮޅުން އަރާފާނެ ގޮތަކަށް މަސައްކަތް ކުރާނެ މީހެއް ނޫނެވެ. އަދި ފާޅުގައި އިސްލާމް ދީނަށް ގޮންޖަހައި މަލާމަތް ކޮށް ފުރައްސާރަ ކުރާ މީހަކު، ނުވަތަ ޖަމާޢަތެއް ދިފާޢުކޮށް ޙިމާޔަތެއްވެސް ނުކުރާނެއެވެ. އެފަދަ ކަންކަން ކުރާ މީހަކަށް ނުވަތަ ޖަމާޢަތަކަށް ތާއީދެއްވެސް ނުކުރާނެއެވެ. އޮޅުމެއްގެ ތެރޭގައި ނަމަވެސް ތިމާއަށް އެފަދަ ކަމެއް ކުރެވިއްޖެ ނަމަ ތައުބާވުމަށް ކޮންމެ މުސްލިމަކުވެސް އަވަސްވެ ގަންނާނެއެވެ.  

ތިމާއަކީ މުސްލިމަކު ކަމަށް ބުނާ މީހަކު ﷲ ތަޢާލާގެ ޙަޟްރަތަށާއި އެކަލާނގެ ރަސޫލާ  صلى الله عليه وسلم  އަށް ފުރައްސާރަކޮށް ކުޑައިމީސް ބަސްބުނެ، ކީރިތި ޤުރުއާނަށާއި އިސްލާމް ދީނުގެ ޙުކުމްފުޅުތަކަށް ގޮންޖަހައި ކުޑައިމީސްކޮށް، ދީނުގައި ކުރުން ލާޒިމް ކަންކަން ކުރަން ނުޖެހޭނެކަމަށް ބުނާނަމަ އަދި ﷲ ތަޢާލާ ބާވާލެއްވެވި ޙުކުމްފުޅު ތަކަށްވުރެ މޮޅުގޮތް އެމީހަކަށް އެނގޭކަމަށް ބުނާނަމަ އެމީހަކީ އިސްލާމް ދީނާ ދެކޮޅު، ލާދީނީ މީހެއްކަމަށް މުސްލިމުން ބުނާނެއެވެ. ޣައިރު މުސްލިމުން އެމީހަކަށް ތަޢުރީފްވެސް ކުރާނެއެވެ. މެޑަލްތަކާއި ޢިއްޒަތްވެސް ދޭނެއެވެ.

އެމީހެއްގެ ޢަމަލުތައް ނުބައިވެ ހައްދުފަހަނައަޅައި ދިއުމުން އެމީހަކަށް ﷲ ތަޢާލާ ލަޢުނަތް ލައްވަވާ ކަމާއި ނަމަވެސް ޝައިޠާނާ އެމީހަކަށް ޝަރަފުގެ ތާޖް ދޭކަން އެއީ މުސްލިމުން ޤަބޫލުކުރާ ޙަޤީޤަތެކެވެ.

ކަންކަން ހުރީ މި މަގުންކަމަށްވުމުން ޝައިޠާނާ ޢިއްޒަތާއި ޝަރަފުގެ ތާޖުދޭ ހިސާބަށް އެއްވެސްމީހެއްގެ ކަންކަން ހިނގައްޖެނަމަ އެމީހަކާއި މެދު ބުނަންއޮތް ޙައްޤުބަސް މުސްލިމުން ބުނާނެއެވެ. އެއީ ފާސްކުރާ ޤާނޫނަކުން މަނާކުރެވޭނެ ކަމެއް ނޫނުވެ.  

ރާއްޖޭގެ ފަހުގެ ތާރީޚުގައި މިފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. ޢިލްމުވެރިން ގެންދަވަނީ ޙައްޤުބަސް ވިދާޅުވަމުންނެވެ. އެފަދަ ބަސްފުޅު ވިދާޅުވަނީ ކަންކުރާ މިހާއަށް ބައްލަވައިގެންނެއް ނޫނެވެ. އެމީހަކު ކުރާ ޢަމަލަކަށް ބައްލަވައިގެންނެވެ. އެމީހަކު ދައްކަ ވާހަކައަށް ބައްލަވައިގެންނެވެ.  

މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބިލު ޤާނޫނަކަށް ހަދަން މަސައްކަތް މިކުރަނީ ކޮންބަޔަކަށް ޙިމާޔަތްދޭންތޯއެވެ؟ އަދި އެކަމުގެ ސަބަބުން ނުކުންނާނީ ކޮންނަތީޖާއެއްތޯއެވެ؟ އެކަންކަމާމެދު މިވަނީ ވަރަށް ފުންކޮށް ވިސްނަން ޖެހިފައެވެ.  

އަޅުގަނޑުމެން ދެކޭ ގޮތުގައި މި ބިލު ރައްޔިތުންގެ މިޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ގޮތަށް އެމަފްހޫމްގައި ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވައިފި ނަމަ، ރައްޔިތުންގެ މަޖިލީހާއި އަދި އެނޫންވެސް ތަންތަނުގައި ﷲ ތަޢާލާގެ ހަޟްރަތާށާއި އެކަލާންގެ ރަސޫލާ صلى الله عليه وسلم  އަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް އެ ހުޅުވާދެވުނީ އެކަން ކުރުމުގެ ޤާނޫނީ ދޮރެކެވެ.

ﷲ ތަޢާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާ صلى الله عليه وسلم  އަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް މިހާރު ހެދިފައި ހުރި ޤާނޫނު ތަކުގައި ބުނެދީފައި އޮތް ނަމަވެސް، އެއްވެސް ސަރުކާރަކުން، އެފަދަ އެއްވެސް މީހަކާ މެދު ތަހުގީގެއް ހިންގާ އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯއެވެ؟ އެހެންނަމަވެސް، މިފަދަ ކަންކަމުގައި މިހާރު ކަންކަން ހިނގާ ގޮތަށް ބަލާއިރު، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ނަފްރަތުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި އޮތް މަފްހޫމުގައި ފާސްކޮށް ޤާނޫނަކަށްވުމުން ﷲ ތަޢާލާގެ ހަޟްރަތަށާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم  އަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހުންނަށް ނިސްބަތްކޮށް، ﷲ ތަޢާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާ صلى الله عليه وسلم  އަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހެކޭ ނުވަތަ އެފަދަ ބައެކޭ ބުނާ މީހަކާ މެދު ނުވަތަ ބަޔަކާ މެދު ފިޔަވަޅެއް ނާޅާ ދޫކޮށްލަފާނެ ކަމަށް ބެލެވޭކަށް ނެތެވެ.

އަދި ކިއެއްތަ ﷲ ތަޢާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާ صلى الله عليه وسلم  އަށާއި އިސްލާމް ދީނަށް ލޯބިކުރާ މީހުން، ﷲ ތަޢާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާ صلى الله عليه وسلم  އަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްކޮށް، ﷲ ތަޢާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާ صلى الله عليه وسلم  އަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހެކޭ ނުވަތަ އެފަދަ ބައެކޭ ނުބުނާނެ އެއްވެސް ގޮތެއް ނުހެދޭނެއެވެ. އަދި، ހުށަހަޅާފައިވާ ބިލު، ހުށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ޤާނޫނަކަށް ވެއްޖެނަމަ ދިވެހި މުޖުތަމަޢު އިތުރަށް ފިތުނަވެ ފަސާދަވުން ނޫން ގޮތެއް ނުވާނޭކަން ހަމަ ކަށަވަރެވެ.

އަދި، ﷲ ތަޢާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާ صلى الله عليه وسلم  އަށާއި އިސްލާމް ދީނަށް ލޯބިކުރާ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މިބިލު މިހާރު އޮތް މަފްހޫމުގައި ފާސްކުރުމަށް ވޯޓު ދެއްވަފާނެތޯއެވެ؟ އަދި މިބިލު މިހާރު އޮތް މަފްހޫމުގައި ފާސްކުރުމަށް ވޯޓު ދެއްވައިފި ނަމަ އެބޭފުޅުން މާތް ﷲ ގަންދެއްވާ ކުރައްވައިގެން ތިއްބެވި ހުވަޔާ ޚިލާފުވީ ކަމަށް ނުވާނެތޯއެވެ؟ އެހެނީ އެބޭފުޅުން ކުރައްވައިގެން އެތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގައި ވަނީ:

"އަހުރެން .... (މީހާގެ ނަން) .... އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްޤުތައް ޖެމެހެއްޓުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން އަހުރެން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި އެއްގޮތްވާ ގޮތުގެމަތީން، ތެދުވެރިކަމާ އަމާނާތްތެރިކާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މަތްﷲ ގަންދީ ހުވައިކުރަމެވެ." މިހެންކަމުގައި ވާތީއެވެ.

އަދި، އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި މިސަރުކާރު ދެމިއޮތުމަށް ތާއީދު ކުރާ އެކަކުވެސްހުށަހެޅިފައިވާ ބިލު، ހަށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ޤާނޫނަކަށް ހެދުމަކަށް ތާއިދެއް ނުކުރާނެއެވެ.

--------

5 ޖޫން 2021 

 

މިއަދު އޮންލައިން