މަހުގެ އަގުބޮޑުވުމާއި ގުޅިގެން ކަސްޓަމަރުންނަށް ލުޔެއް ހޯދައިދިނުމަށް އުފަންވެލި ޝޮޕްތަކުން ހެޔޮ އަގުގައި ކުކުޅު ސޭލްއެއް ކުރިއަށް ގެންދިއުމުން އެކަމުން ކުރި ފައިދާއަށް ބަލައި ގިނަ ޢަދަދެއްގެ ކަސްޓަމަރުން އެދޭތީ އުފަންވެލި ޝޮޕްތަކުން ހުރިހާ ސައިޒެއްގެ ކުކުޅާއި ގެރިމަސް އަގުހެޔޮކޮށްފިއެވެ.
"އަޅުގަނޑުމެން މިފަހަރު ސޭލް ކުރިއަށް މިގެންދަނީ މާދަމާ (ހޮނިހިރު) ދުވަހުން ފެށިގެން 3 ދުވަހަށް. މިފަހަރު ވަކި ސައިޒެއް ނެތި ހުރިހާ ސައިޒެއްގެ ކުކުޅު ވެސް ވިއްކާނީ ހަމަ އެންމެ 23 ރުފިޔާއަށް ކިލޯއެއް. 900 ގްރާމްގެ ގެރިމަސް ޕެކެޓަކުންވެސް 15 ރުފިޔާ އަގުހެޔޮކޮށް ޕެކެޓެއް ވިއްކާނީ އެންމެ 60 ރުފިޔާއަށް" ކަމަށް އުފަންވެލި ޝޮޕްތަކުން ބުނެއެވެ.
އުފަންވެލި ޝޮޕްތަކުން 5 ދުވަހަށް ކުރިން ކުރިއަށް ގެންދިއަ ކުކުޅު ސޭލް ހަމައެކަނި 1.3 ކިލޯއަށް ޚާއްޞަކުރުމުން 2 ދުވަސްތެރޭ މުޅިން ހުސްވުމުން ވަނީ 1.2 ކިލޯގެ ކުކުޅުވެސް ހަަމަ އެއް ރޭޓަކުން ވިއްކައިފައެވެ.
ގިނަ އަދަދެއްގެ މޭވާ އާއި ތަރުކާރީ އަދި ކާބޯތަކެތީގެ ގިނަބާވަތްތައް އެތެރެކޮށް ރީޓޭލްގެ އިތުރުން ހޯލްސޭލްވެސް ކުރަމުން ގެންދާ އުފަންވެލި ޝޮޕްތަކުން ބުނެފައިވަނީ މިފަދަ ސޭލްތައް ކުރިއަށް ގެންދަނީ ކަސްޓަމަރުންނަށް ކުރިމަތިވެފައިވާ ދަތިކަމަށް އެހީތެރިވެ ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.