ކެރެޓް އެތެރެކުރާ ގިނަ ފިހާރަތަކެއްގައި ކެރެޓް ހުސްވުމުން ބާޒާރުގައި އަގު އުފުލިފައިވާއިރު އުފަންވެލި ޝޮޕްތަކުން ކެރެޓް ކިލޯއެއް އެންމެ 20 ރުފިތާއަށްވެސް އެބަވިއްކައެވެ.
އެފިހާރައިން ބުނީ އެންމެފަހުން ލިބުނު ކޮންޓޭނަރުގައި ހުރި ކެރެޓަށް ވަނީ ކޮންމެވެސްވަރެއްގެ ގެއްލުންތަކެއް ލިބިފައިކަމުން ސާފުކުރުމަށްފަހު އެކެރެޓް ވިއްކަނީ ކިލޯއެއް އެންމެ 20 ރުފިޔާއަށް ކަމަށެވެ. "އެއީ ހަމަ ބޭނުންކުރަން ރަނގަޅު ފެންވަރުގެ ކެރެޓް. ކަސްޓަމަރުން އައިސް ބަލާފަ ކޭސްކޭހުންވެސް އެބަ ގެންދޭ. ދެން އަޅުގަނޑުމެންގެ އަތުގައި ސްޓޮކް ހުރިއިރު ބާޒާރުގަ ކިލޯއެއް ގެ އަގު 150 ރުފިޔާއަށް އެރުވުމުންވެސް ވިއްކީ އެންމެ 50 ރުފިޔާއަށް. ފިހާރަތަކުން ގަނޑުކޮށް ނެގުމުން ސްޓްކް ހުސްވީ."

"މިހާރު ތަންކޮޅެއް އަގުބޮޑުކޮށް ވިއްކަން ޖެހިގެން މިއުޅެނީ އެއާފްރެއިޓްކޮށް ގެންނާތީ. ކިލޯއެއްގެ ކެރެޓަށް އެކަނިވެސް އެބަ ޖެހޭ 75- 80 ރުފިޔާ. މިކަން ޙައްލުކުރެވޭނީ ކަނޑުމަތީގައި ހުރި ކޮންޓޭނަރުތައް އަޅުގަނޑުމެންނާ ހަމައަށް އައިސްގެން. ސްޓޮކް ލިބުމުން އެއާފްރޭޓްކޮށް ގެންނާކަށް ނުޖެހޭނެ. ހަމަ ކުރީގެ އަގުތަކަށް ވިއްކޭނެ" ކަމަށް އުފަންވެލި ޝޮޕްތަކުން ބުނެއެވެ.
އުފަންވެލި ޝޮޕްތަކުން ވަނީ ރޯދަމަހުވެސް ވަރަށް ހެޔޮ އަގުގައި ވަރަށް ގިނަ ބާވަތްތައް ވިއްކައިފައެވެ. އެގޮތުން ކެރެޓް ފިޔާ ފަދަ ބާވަތްތައް އެންމެ 5 ރުފިޔާއަށް ކިލޯއެއް އަދި ކުކުޅު ކިލޯއެއް އެންމެ 23 ރުފިޔާއަށް ވިއްކާފައިވާކަންވެސް ފާހަގަކުރެވެއެވެ.